20 Mar 2018, 19:36
ގިނަ ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލައި ޝަރީއަތްތައް ފަށައިފިއެވެ.
ފަނޑިޔާރު އަލީ ހަމީދު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު ކުރިން ބެލެވިފައި އޮތީ އޭނާ ހާޒިރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމާ ކައިރިވެފައިވާތީ މުއްދަތު ޖެހުމަށް ކަމަށެވެ. އަދި އޭނާގެ ވަކީލުން ވެސް ވިދާޅުވެފައިވަނީ އެގޮތަށެވެ.
ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އިއްވަވައި ދުއުވާއަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދެއްވާފައެވެ.
އަޑުއެހުމަށްފަހު އަލީ ހަމީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހްފޫޒް ސައީދު ވިދާޅުވީ، އަލީ ހަމީދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަސްޕެންޑް ކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށެވެ. ނަމަވެސް ގާނޫނުގެ ތެރެއިން އެކަން އެ ގޮތަށް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މަހްފޫޒް ވިދާޅުވިއެވެ
މަހްފޫޒް ސައީދު ވިދާޅުވީ އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު ނެރުނު އަމަރުގެ ސަބަބުން ކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ފަނޑިޔާރަކު ހުކުމް ކުރާ ގޮތަކާ މެދު އެއްވެސް ފަރާތަކުން އެކަން ތަހުގީގްކޮށް އެކަމަށް ފިޔަވަޅު ނޭޅޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާނެ ކަމަށެވެ.
އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ތެރޭގައި ހުންނަވަނިކޮށް ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އެތަނުގެ ދޮރު ވައްޓާލައިގެން އެތެރެއަށް ވަދެއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ވަނީ ފަނޑިޔާރު އަލީ ހަމީދު ސަސްޕެންޑް ކޮށްފައެވެ.