ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ހައްޔަރުކޮށްފައިވާ އަލީ ހަމީދު ފުރަތަމަ ފަހަރަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު މިއަދު އޭނާގެ ޝަރީއަތް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަޑުއެހުމަށްފަހު އަލީ ހަމީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހްފޫޒް ސައީދު ވިދާޅުވީ، އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ ކަމަށާއި ގާޒީ ނިންމެވީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ.

އަލީ ހަމީދުގެ މައްޗަށް ވަނީ ހެކި ނައްތާލުމުގެ ދައުވާއާއި ރިޝްވަތު ހިފި ކަމުގެ ދައުވާ ވެސް އުފުލާފައެވެ.

އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ތެރޭގައި ހުންނަވަނިކޮށް ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އެތަނުގެ ދޮރު ވައްޓާލައިގެން އެތެރެއަށް ވަދެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ވަނީ ފަނޑިޔާރު އަލީ ހަމީދު ސަސްޕެންޑް ކޮށްފައެވެ.