ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހާއި އޭނާގެ ބޭބެ، ގްރީން ސްޓްރީޓްސްގެ ކޯޗު ކަމުގައި މިވަގުތު ހުރި އަލީ ސުޒޭނަކީ ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ ދެބެންނެވެ.

ކޯޗުންގެ ގޮތުގައި އެތައް ފަހަރަކު ދެބެން ކުރިމަތިލާފައިވާއިރު، ސުޒޭނާ ދެކޮޅަށް ނުކުމެ ނަޒީހަށް އަދި މޮޅެއް ހޯދިފައެއް ނުވެއެވެ. ކުޅުންތެރިއެއް ގޮތުގައި ކާމިޔާބު ހޯދީ ނަޒީހު ނަމަވެސް ކޯޗިންގައި ބޭބެއަކީ ރާއްޖޭގެވެސް "އެއްވަނަ" އެވެ. އެތައް ތަށްޓެއް ދިވެހި ފުޓުބޯޅައިގައި ހޯދައިފައިވާ ސުޒޭން މިވަގުތު ހުރި ލެވެލްއަށް ދެވޭނެ ތޯ ނަޒީހު ކުރެން އެހުމުން އޭނާ ބުނީ އެއީ ކުރަން ބޭނުން، އެހެން ނަމަވެސް ނުވާނެ ކަމެއް ކަމަށެވެ.

"ސުޒޭންގެ ލެވެލްއަކަށް ނުދެވޭނެ. ބޭބެ އަދި ނޭނގެ ހުއްޓާލާނެ ދުވަހެއްވެސް. އަޅުގަނޑު އަދި ގާތް ގަނޑަކަށް 13 ތަށި ހޯދަން ނަގާނެ ވަރަށް ދުވަސް. ސުޒޭން ހުއްޓާލީމަ ބެލިދާނެ އަތުވާ ހިސާބުގަތޯ އިނީ. ޓާގެޓަކީ ރާއްޖޭގެ އެންމެ މޮޅު ކޯޗު ހޯދުން. ކޮންމެ މީހެއްގެވެސް ޓާގެޓްތަކެއް އިންނާނެ،" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ އޭނާއާއި ސުޒޭނަކީ ކުޑައިރުއްސުރެ އެކުގައި އުޅެ، މިއަދުވެސް އެއް ސުފުރާއެއްގެ މަތީ ކައި ހަދާ ދެމީހުން ނަމަވެސް ފުޓުބޯޅައިގެން ވިސްނުން ވަރަށް ތަފާތު ކަމަށެވެ.

"ކުޅުމުގައިވެސް ކޯޗިންގެ ސްޓައިލް ތަފާތު. ގެންގުޅޭ ކުޅުމުގެ ވައްޓަފާޅިވެސް ތަފާތު. އަޅުގަނޑު މިއުޅެނީ އަޅުގަނޑުގެ އަމިއްލަ އެއްޗެއް ފުޓުބޯޅައިގެން ތެރެއަށް ތައާރަފްކޮށްގެން،" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ މިރޭގެ މެޗުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނާނީ ކޮންމެ ގޮތެއް ހަދައިގެންވެސް ބޭބެ ކޯޗު ކަމުގައި ހުރި ޓީމެއް ބަލިކުރުމަށް އޭނާއަށް އޮތް ޗެލެންޖު ނިންމުމަށް ކަމަށެވެ.

"މި ނުކުންނަނީ ރާއްޖޭގައި ހުރި އެންމެ މޮޅު ކޯޗާ އިދިކޮޅަށް. މިހާރު ދެން އާ ކަމަކަށްވެސް ނުވޭ ސުޒޭންއާ ދެކޮޅަށް ނުކުންނަ މެޗެއް. ވަރަށް ގިނައި ކުރިމަލެވިއްޖެ ސުޒޭނާ ދެކޮޅަށް. އަޅުގަނޑު ނެތް އަދި ސުޒޭނާ ދެކޮޅަށް ނުކުމެގެން މޮޅުވެފައެއް. އެ ހުރިހާ ގޮތަކުންވެސް މެޗު މުހިއްމު،" ނަޒީހު ބުންޏެވެ.

ފުޓުބޯޅައަށް އިންތިހާއަށް މަރު ދޭ އާއިލާއަކަށް އުފަން، ފުޓުބޯޅައިގެ ގެއެއްގެ ތެރެއިން ތަމްރީން ވެގެން ރާއްޖޭގެ އެންމެ ހުނަރުވެރި ދެ ކޯޗުން އެއް ގެއަކުން ނުކުތުމުގައި ސިއްރުތަކެއް ވާނެއެވެ. އިއްޔެގެ ޕްރެސްގައި ސުޒޭންވަނީ ކޮންމެވެސް ވަރަކަށް ގޭތެރޭގެ ކަންކަންވެސް ހިއްސާކޮށްލައިފައެވެ.

"އަޅުގަނޑު އުމުރުން މިހާރު 50 އަކަށް އަހަރު ވެފައިވާއިރު، އަދިވެސް އަހަރެން ފަރިތަކުރުންތަކަށް ދޭތޯ. ކޮން އިރަކުތޯ ތައްޔާރުވަނީ ބައްޕަ ނާހާ ދުވަހެއް ނޯންނާނެ. ފުޓުބޯޅަ އަހަރެމެންގެ ގޭގެ ތެރޭގައި އޮތްވަރަކީ މިއީ. އަދިވެސް ފުޓުބޯޅަ މުޅި އާއިލާ ތެރޭގައި އޮތްވަރު. އެ ހިފަހައްޓަން މިހާރުވެސް މަސައްކަތް ކުރަން،" ސުޒޭން ބުންޏެވެ.

އާއިލާ ތެރޭގައި އޮންނަ ފުޓުބޯޅަ ލޯތްބާއި ގުޅޭގޮތުން ނަޒީހު ބުނީ "އަޅުގަނޑުމެން ދެމީހުން ގައިގައި ހުރި އެއްގޮތް ކަމެއް އެހެން އެއްވެސް މީހެއް ގައިގައި ނުހުންނާނެ. އަޅުގަނޑުމެން ނުކުތް ޔުނިވާސިޓީން ނުކުތް އެއްވެސް ކޯޗަކު މިހާރު ނެތް. އަޅުގަނޑުމެން އާއިލާ ތެރޭގައި އޮންނަ ފުޓުބޯޅައިގެެ ލޯބި، މިއީ އެހެން ތަނެއްގައި އޮތް ކަމެއް ނޫން،" ކަމަށެވެ.

ސުޒޭން ދެކޭ ގޮތުގައި އޭނާގެ ކޮއްކޮ ނަޒީހަށްވެސް ކޯޗިންގެ އިތުރު ހަރުފަހަތަކަށް ދެވިދާނެއެވެ. އެކަން ކުރަން އޮތް މަގުވެސް ފަސޭހައެވެ.

"ވަރަށް ފަސޭހަ ކަމެއް މީހާ ޑެޑިކޭޓެޑް މަސައްކަތްތަކެއް ކޮށްފި ކަމަށް ވަންޏާ. ނަޒީހަށް ފަސޭހަވާނެ. ޓޮޕް ލެވެލްގައިވެސް ކުޅެފައި. ގައުމީ ޓީމަށްވެސް ކުޅެފައި ހުރީމަ ފަސޭހަވާނެ. އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅޭ ބައެއް ކޯޗުން، ފުރަތަމަ ޑިވިޝަނަށް ނުކުޅެ، ޖާޒީ ގަނޑެއްވެސް ދޮންނަން ނުޖެހި ތިބި ކޯޗުން. އެ ކޯޗުންނަށް އުނދަގޫވާނެ. އެއީ ލޭގަ ނެތް އެއްޗެއް އެހެން މީހަކަށް ކިޔައިދޭން އުނދަގޫވާނެ،" ސުޒޭން ބުންޏެވެ.

ޔޫވީއާއި ގްރީން ސްޓްރީޓްސްގެ ކުރިމަތިލުން އޮންނާނީ މިރޭ 9:00 ގައެވެ.