ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔަޑް ވަސީމް އަކްރަމް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ޕާކިސްތާނުގެ ސަފީރަށް މަރުހަބާ ދަންނަވައިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕާކިސްތާނާއި ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ ދެ ގައުމުކަމަށް ވިދާޅުވިއެވެ. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއާއި ޕާކިސްތާނުގެ ގޫޅުން ރައީސް ފާހަގަ ކުރެއްވިއެވެ.

ޕާކިސްތާނުގެ ސަފީރު ވިދާޅުވީ އެމަނިކުފާނުގެ ސަފީރުކަމުގެ ދަށުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ޕާކިސްތާނުން ރާއްޖެއާއެކު ދެމިއޮންނާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.