20 Mar 2018, 13:44
އިޓަލީގެ ކްލަބު ފިއޮރެންޓީނާގެ ޓްރެއިނިން ގްރައުންޑަށް، އެޓީމުގެ ކުރީގެ ކެޕްޓަން ޑާވިޑޭ އެސްޓޯރީގެ ނަމުން ނަން ދިނުމަށް ނިންމައިފި އެވެ.
ފިއޮރެންޓީނާގެ ކެޕްޓަން ބޭންޑް އަޅަމުން ދިޔަ އުމުރުން 31 އަހަރުގެ އެސްޓޯރީ ކުއްލި ގޮތަކަށް މަރުވެފައި ވަނީ މި ހިނގާ މާޗު މަހުގެ ކުރީ ކޮޅުގަ އެވެ. އެސްޓޯރީ މަރުވެފައި އޮއްވައި ފެނުނީ ފިއޮރެންޓީނާ އިން މި މަހު ހަތަރު ވަނަ ދުވަހު އުޑިނޭޒީއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އުޑީންގައި ކޭމްޕް ކުރި ހޮޓަލްގެ ތެރެއިންނެވެ.
އެސްޓޯރީގެ ޕޯޓްސްމޯޓަމް ރިޕޯޓްތައް ދެއްކި ގޮތުން އޭނާ މަރުވި ކަމަށް ބެލެވިފައި ވަނީ ހާޓް އެޓޭކެއްގެ ސަބަބުންނެވެ.
އެސްޓޯރީގެ މަރާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އޭނާއަށް ހާއްސަ ޝުކުރުގެ ޖިޒީތަކާއި އޭނާގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ހާއްސަ ކަންކަން ކުރަމުންދާއިރު، އޭނާ އެންމެ ގިނަ މެޗުތަކެއް ކުޅެދިން ދެ ކްލަބު ކަމަށްވާ ފިއޮރެންޓީނާ އާއި ކަގިލިއަރީން ވެސް ވަނީ އެސްޓޯރީ ކުޅުނު 13 ނަންބަރު ޖާޒީ ރިޓަޔާކޮށްފަ އެވެ.

އެސްޓޯރީގެ ހަނދާނުގައި އިޓަލީ ލީގުގެ ހުރިހާ މެޗެއް ފެށުމުގެ ކުރިން ސުކޫތު ގެނޭ --- ފޮޓޯ/ އޭޕީ
އިޓަލީގެ ފޮލޮރެންސްގައި އެސްޓޯރީގެ ޖަނާޒައި ކުރިއަށް ގެންގޮސްފައިވާ އިރު، އިޓަލީގެ ފުޓުބޯޅަ ލެޖެންޑުންނާއި ދުނިޔޭގެ ފުޓުބޯޅައިގައި ފާހަގަ ކޮށްލެވޭ ޝަހުސިސްޔަތުތައް ވަނީ އޭނާގެ ޖަނާޒާގައި ބައިވެރިވެފަ އެވެ.
އިޓަލީގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ އެސްޓޯރީގެ ކުއްލި މަރާ ގުޅިގެން ފިއޮރެންޓީނާ އިން އިއްޔެ ނިންމާފައި ވަނީ އެ ކްލަބުގެ ޓްރެއިނިން ގްރައުންޑްގެ ނަން "ސެންޓްރޯ ސްޕޯޓީވޯ ޑާވިޑޭ އެސްޓޯރީ"އަށް ބަދަލު ކުރުމަށެވެ.
ފިއޮރެންޓީނާގެ ޗެއާމަން މާރިއޯ ކޮގްނިގްނީ ވަނީ އިޓަލީގެ މީޑިއާތަކަށް އެކަން ޔަގީން ވެސް ކޮށްދީފަ އެވެ.
އެސްޓޯރީ މަރުވިއިރު އޭނާގެ ދެ އަހަރުގެ އަންހެން ދަރިއަކު އެބަހުއްޓެވެ.