ކްރިމިނަލް ކޯޓުގައި ވަކާލާތު ނުކުރެވޭ ގޮތަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ސަސްޕެންޑުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ ސުއޫދު ސަސްޕެންޑުކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާއާ ގުޅިގެން އެ ކޯޓުގައި ބޭއްވި އަޑުއެހުމާ ގުޅޭ ގޮތުން ސުއޫދު މީޑިއާގައި ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އާންމުންގެ މެދުގައި އެ މައްސަލައާ ގުޅޭ ގޮތުން ނުރަނގަޅު ތަސައްވުރެއް އުފެދިދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

ސުއޫދަކީ އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލެވެ.

އެ މައްސަލައަށް ނުފޫޒު ފޯރުވުމަށް އާންމު މީޑިއާ މެދުވެރިކޮށް ސުއޫދު މަސައްކަތްކޮށްފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންނާ މެދު އާންމުންގެ ހިތްތަކުގައި ނަފްރަތު އުފެދޭގޮތަށް ކޯޓުގެ ހުރުމަތް ކެނޑޭނެހެން ހަގީގަތާ ޚިލާފު މައުލޫމާތު މީޑިއާ އަށް ދީފައިވާ ކަމަށާއި ކޯޓަށް ހާޒިރުވުމަށް ފޮނުވި އަމުރާ ހަވާލުވެ ކޯޓަށް ހާޒިރުވެވަޑައިނުގެން، މައްސަލާގައި ޖަވާބުދާރީވުމަށް ދިން ފުރުސަތު އޭނާ ދޫކޮށްލައްވާފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.

ސުއޫދު ސަސްޕެންޑުކުރީ "ދިވެހި ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދު"ގެ 3.2 ވަނަ މާއްދާގެ (ހ) އާއި (ލ)ގެ ދަށުންނެވެ.

އޭނާ ސަސްޕެންޑުކުރީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާއާ މެދު ޝަރީއަތުން ގޮތެއް ނިމެންދެނެވެ.