އަންނަ އީދާއި ދިމާކޮށް ދިވެހި ކުކުޅުހާ ވިއްކުމަށް ހާއްސަ ސަރަހައްދެއް ލޯކަލް މާރުކެޓުގައި ގާއިމް ކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ސިޓީ ކައުންސިލްގެ މެންބަރު ޖަމްބު ހަސަން އަފީފް މިއަދު ވިދާޅުވީ ދިވެހި ކުކުޅު ހާލަކީ އީދާ ދިމާކޮށް ދިވެހިންނަށް ވަރަށް ވެސް ހާއްސަ ބާވަތަކަށް ވުމުން ލޯކަލް މާރުކޭޓުގެ ހަތަރު ކޮޅިއެއް ކުކުޅު ހާވިއްކާ ދަނޑުވެރިންނަށް ހާއްސަ ކުރާނެ ކަމަށެވެ.

"ލޯކަލް މާރުކޭޓުގެ ހަތަރު ކަނުން، ކޮންމެ ކަނަކުން ގޮޅިއެއް މި ހާއްސަ ކުރަނީ އެފަދަ ދަނޑުވެރިންނަށް. އަސްލު އަޅުގަނޑުމެންގެ ސަގާފަތެއް ފިނި ކުރި ކުކުޅުގެ ބަދަލުގައި ދިވެހި ކުކުޅު ކަތިލައިގެން ކެއުން. އެހެންވެ ސަގާފަތް އާލާކޮށް ދިރުވުމާއި އަދި އެފަދަ ދަޑުވެރިންނަށް ވެސް މަގުތަކެއް ފަހިކޮށްދިނުން މީގެ ބޭނުމަކީ،" އަފީފް ވިދާޅުވި އެވެ.

ކުކުޅު ހާ ވިއްކާ ގޮޅިތައް ހަދާފައި ހުންނާނީ ބިމަށް ކީހު ކުޑި އަޅައި އެތަނުން ނުބައިވަސް ނުދުވާނެހެން އަދި ކާބޯތަކެއްޗަށް އޭގެ ނުރައްކާތެރިކަން ނުފޯރާގޮތަށް ކަމަށް އަފީފު ވިދާޅުވި އެވެ. އެތަނުގައި ކުކުޅުހާ ގެންގުޅެން ޖެހޭނީ އެ ގޮޅިތަކުގައި ހުންނަ ކޮށިތަކުގައި ކަމަށާއި އެތަކެތި އައްސައިގެން ނުގެންގުޅެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

"އެތަކެތި އައްސައިގެން ނުއެއް ގެންގުޅެވޭނެ. އެތާ ހުންނަ ކޮށިތަކުގައި އެތަކެތި ހުންނަން ޖެހޭނީ،" އަފީފް ވިދާޅުވި އެވެ.
ރޯދަ މަހުގެ ފަހުން ލޯކަލް މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކުރާ ގޮތަށް ނިންމާފައިވާ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.