މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑުން ބޭއްވި، މައިލްސް ފޯ ސްމައިލްސް އިން ލިބުނު ފައިސާގެ ދެބައިކުޅަ އެއްބައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހަދިޔާ ކުރުމަށް ޖެންޑާ މިނިސްޓްރީ އާ ހަވާލުކޮށްފި އެވެ.

މިއަދު ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި 150,000 ރުފިޔާ އާ ހަވާލުވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ލީޝާ މުހައްމަދެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑުން ބުނީ ދުވުމުގައި 2,500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށާއި ދުވުމުގެ ހާއްސަ މެސެޖު ދިނުމަށް 24 ގަޑިއިރު ދުވީ ލީޑު އެތުލީޓް އިބްރާހިމް ސާއިދު އަލީ ކަމަށެވެ.

ސާއިދަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުގެ ގިނަ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކެއްގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކުގެ މެމްބަރުން ވެސް ވަނީ ގިނަ ވަގުތުތަކެއްގައި ދުވެފައި ކަމަށް ވެސް އެ ކޯޕަރޭޝަން އިން ބުންޏެވެ.

އެ ކޯޕަރޭޝަން އިން ބުނީ އެ ދުވުމުގައި 200 އަށް ވުރެ ގިނަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުން ވެސް ބައިވެރިވި ކަމަށެވެ.

ނިމިގެން ދިޔަ އެ ހަރަކާތުގެ މެއިން ސްފޮންސަރަކީ ރެއިޒް ކްރޯން ޕްރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕް އެވެ.

އެތައް ބައެއްގެ ހިތްވަރުދިނުމާ އެކު ދުވުމުގެ މެއިން އެތުލީޓު އިބްރާހިމް ސާއިދު އަލީ ވަނީ ހުސްފަޔާ 24 ގަޑިއިރު ދުވެ، އެކުވެނި ދުވާ ޓްރެކްގައި 299 ބުރު ފުރިހަމަކޮށްފަ އެވެ.