ފޭސްބުކްގެ ސެކިއުރިޓީ ޗީފް އެލެކްސް ސްޓޭމޮސް އެ ކުންފުނި ދޫކޮށްލަންް އުޅޭކަމުގެ ވަހަކަ ދެކެވެން ފަށައިފި އެވެ. އެލެކްސް ފޭސްބުކް ދޫކޮށްލަން ނިންމީ ފޭސްބުކް މެދުވެރިކޮށް ދޮގު ހަބަރު ފެތުރުން ހުއްޓުވުމާ ގުޅޭ ޕޮލިސީ އާ މެދު ހިޔާލުތަފާތުވުންތަކެއް ހުރެގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެލެކްސް ފޭސްބުކް ދޫކޮށްލަން އުޅޭ ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައި ވާތީ، އެލެކްސް ވަނީ އެ ކަމަށް ޖަވާބު ދީފަ އެވެ. ޓުވިޓާ މެދުވެރިކޮށް އެލެކްސް ބުނީ އަދި ވެސް ހުރީ ފޭސްބުކްގެ ވަޒީފާގައި ކަމަށާއި ކުރިން ކުރި މަސައްކަތް ބަދަލުވެއްޖެ ކަމަށެވެ. މިހާރު ބޮޑަށް މަސައްކަތް ކުރަނީ އިލެކްޝަން ސެކިއުރިޓީގެ ކަންތަކުގައި ކަމަށް ވެސް އެނާ ވަނީ ބުނެފަ އެވެ.

އެލެކްސް ވަނީ ހޮނިހިރު ދުވަހު ގިނަ ޓުވީޓުތަކެއް ކޮށްފަ އެވެ. ޓެކް ކުންފުނިތަކުން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ބުނެ ވެސް އޭނާ ވަނީ ޓުވީޓެއް ކޮށްފަ އެވެ.

އެލެކްސްގެ ގާތް މީހުންނާއި ފޭސްބުކްގެ މުވައްޒަފުންނާ ހަވާާދީ ރިޕޯޓުތައް ބުނާ ގޮތުން އޭނާ ވަނީ ފޭސްބުކް ދޫކޮށްލާނެ ކަމަށް އެމީހުން ކައިރީ މިދިޔަ އަހަރު ބުނެފަ އެވެ. އެލެކްސް ފޭސްބުކް ދޫކޮށްލައިފި ނަމަ އޭނާ ވާނީ ސެކިއުރިޓީ އާއި ދޮގު ހަބަރާ ގުޅޭ މައްސަލާގައި ފޭސްބުކް ދޫކޮށްލާ ފުރަތަމަ މުވައްޒަފަށެވެ.