ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްޓަރު މިހާރު އަންނަނީ ބޮލީވުޑަށް ނުކުތުމަށް ތައްޔާރުވަމުންނެވެ. މިހާރު ޝޫޓު ކުރަމުން އަންނަ 'ދަޅަކް' އަކީ އިޝާންގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ.

ނަމަވެސް އިޝާން އަކީ ފިލްމީ ދާއިރާއަށް އާ މީހެއް ނޫނެވެ. އިޝާން ވަނީ މީގެ ކުރިން އީރާނުގެ ފިލްމު ޑައިރެކްޓަރު މާޖިދް މަޖީދީގެ ފިލްމު 'ބިޔޯންޑް ދަ ކްލައުޑްސް' އިން ފެނިގެން ގޮސްފަ އެވެ.

އެ ފިލްމުގައި މުމްބާއީގެ ނިކަމެތި ޒުވާނެއްގެ ރޯލުން އިޝާން ފެނިގެން ދިޔަ އިރު، އެ ރޯލަށް އޭނާގެ ބަރުދަން އަށް ކިލޯ ލުއި ކުރަން ޖެހުނެވެ.

ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ބަރުދަން ލުއި ކުރުމަށް އިޝާން އަށް ލިބުނީ 12 ދުވަހެވެ. އެހެންކަމުން 12 ދުވަހުގެ ތެރޭގައި އަށް ކިލޯ ލުއި ކޮށްލަން އިޝާން އަށް މަޖުބޫރުވި އެވެ.

އެހިސާބުން ކަސްރަތު ކުރަމުން ގެންދިޔަ ތާވަލަށް ވަރަށް ބޮޑު ބަދަލެއް ގެނެސް، ކޮންމެ ދުވަހެއްގެ ބޮޑު ބައި ބައިސްކަލް ދުއްވައި ސްޕްރިންޓްސް ހެދުމުގައި ހޭދަކުރަން ފެށި އެވެ.

އަދި 12 ދުވަހުގެ ތެރޭގައި އަށް ކިލޯ ލުއި ކޮށްލަން ހިފި ޓާގެޓު ހާސިލްކޮށް ފިލްމުގެ ޝޫޓިން ފެށި އެވެ.

'ބިޔޯންޑް ދަ ކްލައުޑްސް' އަކީ އެއްބަނޑު އެއްބަފާ ދެކުދިން އެކަކު އަނެކަކާ ވަކިވެ، ދަތި އުނދަގުލުގައި ހޭދަކުރަން ޖެހުނު ދުވަސްތަކަކާއި އެ އުނދަގޫތަކުގެ މައްޗަށް ދެ ކުދިން ކާމިޔާބު ހޯދާ ގޮތެވެ. ފިލްމުގައި އިޝާން ފެނިގެން ދާނީ އާމިރުގެ ގޮތުގަ އެވެ.

ބޭރުގެ ފިލްމު ފެސްޓިވަލެއްގައި އެ ފިލްމު ބައިވެރި ކުރި އިރު، އިޝާން އަށް ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ލިބިގެން ގޮސްފަ އެވެ.

ޒީ ސްޓޫޑިއޯސް އަދި ނަމާހް ޕިކްޗާޒް އިން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމު ރަސްމީކޮށް ރިލީޒް ކުރާނީ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އެވެ.