20 Mar 2018, 09:51
ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކުރިއަށް އޮތް ފިލްމު "ސިމްބާ"ގައި ރަންވީރު ސިންގްއާ އެކު ފެނިގެންދާނެބަތަލާ ފައިނަލްކޮށްފި އެވެ.
ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނެ ފަންނާނަކާ ގުޅޭ ގޮތުން މީޑިއާގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. ތަފާތު އެކި އެކްޓަރުންނަށް އެ ރޯލު ދީފައިވާ ކަމަށް ބުނެ ޚަބަރުތައް ފެތުރުނެވެ.
ނަމަވެސް އެންމެ ފަހުން ފިލްމަށް ހަމަޖައްސައިފައި މިވަނީ ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު، ސާރާ އަލީ ޚާން އެވެ. ސާރާ އަށް އެ ރޯލު ދީފައި ވަނީ ރޯހިތު އާއި ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު އެއްބަސްވެގެންނެވެ.
"ސިމްބާ" ގައި ފެނިގެން ދާނީ ސާރާ ކަން ރޯހިތު ވަނީ ކަށަވަރުކޮށްދީފަ އެވެ.
ރަންވީރު އާއި ސާރާ އަކީ މުޅިން އާ ޖޯޑެކެވެ. މީގެ ކުރިން ދެމީހުން އެކުގައި މަސައްކަތް ކޮށްފައެއް ނުވެ އެވެ.
އޭގެ އިތުރުން، މިއީ ކަރަން އާއި ރޯހިތު ވެސް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އަދި ކަރަން އާއި ރޯހިތު އާއެކު ރަންވީރު މަސައްކަތް ކުރާ ވެސް މިއީ ފުރަތަމަ ފަހަރެވެ.
ފިލްމުގައި ރަންވީރު ފެނިގެން ދާނީ ފުލުހެއްގެ ރޯލުންނެވެ. "ސިމްބާ" އަކީ އެންޓީ ރާމަ ރާއޯ ޖޫނިއާ އާއި ކާޖަލް އަގަރްވާލް ކުޅެފައިވާ ފިލްމު "ޓެމްޕާ"ގެ ރިމޭކް އެކެވެ.
ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.