20 Mar 2018, 09:53
ކުޅަދާނަ ކޮރެއޮގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާޑައިރެކްޓު ކުރާ "އިންޑިއާގެ އެންމެ ބޮޑު ޑާންސް ފިލްމު"ގެ ލީޑު ކާސްޓުގެ ގޮތުގައި ޒުވާން އެކްޓަރު ވަރުން ދަވާން އަދި މަގުބޫލު ބަތަލާ ކެޓްރީނާ ކައިފް ހަމަޖައްސައިފި އެވެ.
ރޭމޯ އަދި ޓީ-ސީރީޒް ގުޅިގެން އުފައްދާ އެ ފިލްމަކީ 'އޭބީސީޑީ' ފްރެންޗައިޒްގެ ތިން ވަނަ ފިލްމަށް ވެސް ވެދާނެ އެވެ. ނުވަތަ މުޅިން ތަފާތު ފިލްމަކަށް ވެސް ވެދާނެ އެވެ.
ކުރިން ރިޕޯޓުތައް ބުނި ގޮތުގައި ރޭމޯގެ ޑާންސް ފިލްމުގެ ކާސްޓުގެ ތެރޭގައި ސަލްމާން ޚާން އަދި ޖެކްލީން ފާނަންޑޭޒް ވެސް ހިމެނެ އެވެ. ނަމަވެސް ފައިނަލް ކުރި ކާސްޓުގައި ހިމެނެނީ ވަރުން އަދި ކެޓްރީނާ އެވެ.
ފިލްމުގެ މަސައްކަތް ފަށާނީ ވަރުން އާއި ކެޓްރީނާ މިހާރު މަސައްކަތް ކުރަމުން އަންނަ ޕްރޮޖެކްޓުތައް ނިމުނީމަ އެވެ.
ވަރުން މިހާރު ކުރަމުން އަންނަނީ އަނުޝްކާ ޝަރްމާ އާ އެކު، ޝަރަތު ކަޓާރިއާ ޑައިރެކްޓު ކުރާ ފިލްމު 'ސޫއީ ދާގާ - މޭޑް އިން އިންޑިއާ' ގެ މަސައްކަތްތެެވެ. ވަރުން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ފިލްމު 'އޮކްޓޯބަރު' އިންނެވެ.
ކެޓްރީނާ މިވަގުތު އަންނަނީ ބޮޑު ދެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ އާމިރު ޚާން އަދި އަމީތާބް ބައްޗަން އާއެކު ފިލްމު 'ތަގްސް އޮފް ހިންދުސްތާން'ގެ މަސައްކަތާއި ޝާހްރުކް ޚާން އާ އެކު ފިލްމު 'ޒީރޯ'ގެ މަސައްކަތެވެ.
ރޭމޯގެ ފިލްމަށް އަދި ނަމެއް ދީފައި ނުވާއިރު، ފިލްމު ރިލީޒް ކުރާނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ.