ކްލަބު މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުގައި ފަހުވަގުތު މުހައްމަދު ސުޖާން އަހުމަދު ޖެހި ގޯލުން ޔުނައިޓެޑް ބީއެމްއެލް ބަލިކޮށް ކްލަބު އެޗްޑީސީން ފެށުން ރަނގަޅުކޮށްފި އެވެ.

އިއްޔެ ވަނީ ކްލަބު މޯލްޑިވްސް ކަޕް 2018ގެ ގްރޫޕް ސްޓޭޖުގެ ފަސް މެޗެއް ކުޅެފަ އެވެ. ހުރިހާ މެޗެއް ވެސް ކުރިއަށް ގެންގޮސްފައި ވަނީ މާފަންނު މިނީ ގްރައުންޑުގަ އެވެ.

އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗުގައި ތިލަފުށީ ކޯޕަރޭޝަނުން މީޑިއާ ނެޓް ބަލިކުރީ 10-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ތިލަފުށީ ކޯޕަރޭޝަންގެ މުހައްމަދު ލިޔާހު ވަނީ ފަސް ގޯލް ކާމިޔާބުކޮށްފަ އެވެ. ލިޔާހުއަކީ މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ކުޅުންތެރިޔާ އެވެ.

ރޭ ވަނީ މުބާރާތުގެ ހަތަރު މެޗެއް ކުޅެފަ އެވެ. އެގޮތުން ގްރޫޕް ބީގައި ޔުނައިޓެޑް ބީއެމްއެލްއާއި ކްލަބު އެޗްޑީސީ ވާދަކުރި މެޗު، އެޗްޑީސީން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް، މެޗު ނިމެންދަނިކޮށް ސުޖާން ކާމިޔާބުކުރީ ލިބުނު ދުރު ޕެނެލްޓީއަކުންނެވެ.

މެޗުގައި ޔުނައިޓެޑް ބީއެމްއެލްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކު)ގެ ކުޅުން ފާހަގަކޮށްލެވުނެވެ. އޭނާއަކީ މިހާރު ވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ ޔުނައިޓެޑް ވިކްޓަރީގެ ޓީމުގައި ހިމެނޭ ކީޕަރެކެވެ.

ރޭ ކުޅުނު ގްރޫޕް ސީގެ މެޗުގައި ވާދަކުރީ ޕޮލިސް ކްލަބާއި ފެނަކައެވެ. އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މެޗުގެ ކުރީކޮޅުގައި ޕޮލިހުން ދެ ގޯލްގެ ލީޑެއް ނެގި ނަމަވެސް، އަހުމަދު ހަލީމް (އައްމަޑޭ)ގެ ދެ ގޯލާއެކު ފެނަކައިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ރޭ ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުގައި ޔެސް ޓީވީއާއި އިސްލާމިކް އެފެއާޒް ވާދަކުރި އިރު، އެ މެޗު 12-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔެސް ޓީވީންނެވެ. މެޗުގައި ޔެސް ޓީވީގެ ރިމާހު އަހުމަދު ވަނީ ހަ ގޯލް ކާމިޔާބުކޮށްފަ އެވެ.

ރޭ ކުޅުނު ފަހު މެޗުގައި ވާދަކުރީ ގްރޫޕް ޑީގެ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ހައުސިން އެވެ. އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކަސްޓަމްސް ރެކްރިއޭޝަނެވެ. ކަސްޓަމްސްގެ ގޯލް ކާމިޔާބުކޮށްދިނީ މުމްތާޒު އަބްދުލް ރަޝީދު (ކުޑަބެ)އެވެ.

ކްލަބު މޯލްޑިވްސްގައި މިއަދު ކުޅޭ މެޗުތައް:

20:15 އޭޝިއޭޝަން ސެކިއުރިޓީ ކޮމާންޑް - ޓީމު އެފްއެސްއެމް

20:15 ދިރާގު - މޯލްޑިވް ގޭސް

21:15 ތައުލީމީ ގުޅުން - އުރީދޫ

21:15 އެމްއެމްއޭ - ފެން ކްލަބު