ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ތަފާތަކީ ޓީމު ކުރާ ބުރަ މަސައްކަތުގެ އިތުރުން ކުޅުންތެރިންގެ ތަޖުރިބާ ކަމަށް އެސިސްޓެންޓް ކޯޗު އަޝްރަފު ލުތުފީ (ސަމްޕަތު) ބުނެފި އެވެ.

މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ފެށިގެން އެއްވެސް މެޗަކުން ބަލިނުވެ ރެކޯޑު ދަމަހައްޓަމުން އަންނަ ނިއު މިސީޒަންގެ މާލޭ ލީގުގައި ވެސް އަދި ބަލިވެފައެއް ނުވެ އެވެ.

މިއަދު އީގަލްސްއާ ދެކޮޅަށް ނިއުއިން ނުކުންނަ މެޗާ ގުޅިގެން ސަމްޕަތު ބުނީ އީގަލްސްއަކީ އާދައިގެ ޓީމެއް ނޫން ކަމަށާއި އީގަލްސްގައި ރަނގަޅު ކުޅުންތެރިންތަކެއް އެބަ ތިބި ކަމަށެވެ.

"އީގަލްސްއަކީ އާދައިގެ ޓީމެއް ކަމަކަށް ނުބަލަން. ގާތްގަނޑަކަށް ހުރިހާ ޓީމުތަކެއް ވެސް ހަމަހަމަކޮށް މި ފެންނަނީ. ނިއުގައި ބުރަކޮށް މަސައްކަތްކުރާ ތަފާތު ސްކޮޑެއް މިއޮތީ. ދެން ރާއްޖޭގައި ތިބި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ވެސް ނިއުގެ ސްކޮޑުގައި ހިމެނޭ. އެ ތަފާތު މި ފެންނަނީ. އީގަލްސްގައި އެބަތިބި ވަރަށް ރަނގަޅު ކުޅުންތެރިން. ޓީމެއް ގޮތުގައި މަސައްކަތް ކޮށްފައި އޮތް ޓީމެއް އީގަލްސްއަކީ،" ސަމްޕަތު ބުންޏެވެ.

މިއަދުގެ މެޗަށް ނުކުންނައިރު ނިއުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ސްޕެއިންގެ މިޑްފީލްޑަރު ކަންޑޭލާ ސަސްޕެންޝަންގައި ހުރުމާ ގުޅޭ ގޮތުން ސަމްޕަތު ބުނީ "ކަންޑޭލާއަކީ ނިއުގެ މެދުތެރެއިން ވަރަށް މުހިންމު ރޯލެއް ކުޅޭ ކުޅުންތެރިއެއް. އެކަމަކު ކޯޗު އޮސްކާ ޓީމު ބިނާކުރަނީ ކޮންމެ ކުޅުންތެރިއަކުވެސް ރިޕްލޭސް ކުރެވޭ ގޮތަށް. ކޮންމެ ކުޅުންތެރިއަކީ ވެސް ނިއުއަށް މުހިންމު ކުޅުންތެރިއެއް" ކަމަށެވެ.

މިއަހަރު ނިއުގެ ފޯވަޑަށް ގެނައި ސްޕެއިންގެ ގުއިލަމް މާޓީގެ ކުޅުމަށް ގިނަ ސަޕޯޓަރުން ހިތްހަމަ ނުޖެހޭ ކަމަށް ބުނެ ނޫސްވެރިއަކު ސުވާލުކުރުމުން ސަމްޕަތު ބުނީ އޭނާގެ ކުޅުމާމެދު ކޯޗުން ވެސް އެންމެ ހިތްހަމަ ނުޖެހޭ ކަމަށެވެ.

"އެންމެ ބޭނުންވާ ކުޅުމެއް ގުއިލަމްގެ ފަރާތުން ނުފެނޭ. އަނިޔާގެ މައްސަލައެއް ވެސް އެބައުޅޭ. ފިޒިއޯއަށް އޭނާގެ ހާލަތު މިހާރު ރަނގަޅަށް އެނގޭނީ،" ސަމްޕަތު ބުންޏެވެ.

ނިއުއިން އެންމެފަހުން ކުޅެފައި ވަނީ އޭއެފްސީ ކަޕްގެ މެޗެކެވެ. އިންޑިއާގެ އައިޒޯލް އެފްސީއާ ދެކޮޅަށް އެޓީމު ކުޅުނު މެޗު ނިއުއިން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.

ސަމްޕަތު ބުނީ އައިޒޯލް މެޗުން ލިބުނު މޮޅާއި، ޓީމު އެ މެޗުގައި ދެއްކި ރީތި ފުޓުބޯޅައިގެ ސަބަބުން ވަރަށް ބޮޑަށް ހިތްވަރު އާވެފައިވާ ކަމަށެވެ.

ނިއުއާއި އީގަލްސް ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގަ އެވެ.