ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ބަލިނުކުރެވޭނެ ވަރުގެ ޓީމެއް ނޫން ކަމަށް އީގަލްސްގެ ކޯޗު، މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

އެސްޓީއޯ މާލޭ ލީގުގައި މިއަދު ނިއުއާއި ދެކޮޅަށް އީގަލްސް ނުކުންނަ މެޗާ ގުޅިގެން ވާހަކަ ދައްކަމުން މޯހަން ބުނީ ނިއުއިން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް ނިމުން ގެނެވިދާނެ ކަމަށެވެ.

"އަޅުގަނޑު ހަނދާންވާ ގޮތުން މިދިޔަ އަހަރުގެ ޕްރިމިއާ ލީގުން ފެށިގެން ވެސް ނިއު ނެތް ބަލިވެފައެއް. އެހިސާބުން ވެސް ނިއުގެ ވަރުގަދަކަން އެއޮތީ ފެންނަން. އެހެން ނަމަވެސް ބަލިނުކުރެވޭނެ ވަރުގެ ޓީމެއް ނޫން އެއީކީއެއް. އެކަމަކު ވަރުގަދަ ބައިވަރު ކުޅުންތެރިންތަކެއް ނިއުގެ ޓީމުގައި ހިމެނޭ. ހާއްސަކޮށް ދިވެހި ކުޅުންތެރިންނަށް ބަލާއިރު އެންމެ ފުންނާބު އުސް ކުޅުންތެރިން މި ތިބީ. ޓީމު ރަނގަޅަށް މަސައްކަތް ކޮށްފިއްޔާ އިރާދަކުރެއްވިއްޔާ ނިއު ބަލިކުރެވޭނެ،" މޯހަން ބުންޏެވެ.

މޯހަން ބުނީ ނިއުއިން ގިނަ މެޗުތަކަކުން މޮޅުވެފައި އޮތުމަކީ، ނިއު ބަލިކުރުމަށް އޮތް ޗެލެންޖެއް ކަމަށާއި، މިދިޔަ ހަފްތާއިން ފެށިގެން ވެސް އީގަލްސްއިން މަސައްކަތް ކުރަމުން ދަނީ ނިއު ބަލިކުރުމުގެ ވިސްނުމުގައި ކަމަށެވެ.

"ނިއުރޭޑިއަންޓް ބަލިކުރަން ކުރާ މަސައްކަތް ޗެލެންޖަކަށް ވަނީ. އެންމެ މޮޅު ޓީމެއް ބަލިކުރުން ޗެލެންޖަކަށް މިވަނީ. އެންމެ މޮޅު ޓީމު ބަލިކުރެވެމުން އެ ލިބޭ ހިތްހަމަ ޖެހުން ތަފާތުވާނެ. މިދިޔަ ހަފްތާއިން ފެށިގެން ވެސް އަޅުގަނޑުމެންގެ ޓީމުން އެ މަސައްކަތް ކުރަމުން މި ގެންދަނީ،" މޯހަން ބުންޏެވެ.

ނިއުއާ ދެކޮޅަށް ނުކުންނަ އިރު އީގަލްސް އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގަ އެވެ. ރަނގަޅު ފޯމެއްގައި ހުރި އީގަލްސްގެ ބްރެޒިލް ފޯވަޑް ލުއިޒް އެޑުއާޑޯއާއި މުޅި އީގަލްސްގެ ޓީމުން ވެސް ސީޒަންގައި ދައްކަމުންދާ ކުޅުން ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ.

"އެއް ކުޅުންތެރިއަކު ދެ ކުޅުންތެރިއަކު އެކަނި ޕާފޯމް ކޮށްގެންނެއް ނިއު ކަހަލަ ޓީމަކާ ދެކޮޅަށް ކާމިޔާބީއެއް ނުހޯދޭނެ. ކޮންމެ ކުޅުންތެރިއަކު ވެސް 100 ޕަސެންޓް ދީގެން، ބެންޗުން އަރާ ކުޅުންތެރިޔާ ވެސް އެކަހަލަ ހިތްވަރެއް ނެރެގެން ނިއު ބަލިކުރެވޭނީ. އަޅުގަނޑު ގަބޫލުކުރަނީ ކުޅުންތެރިން އަމިއްލައަށް ވެސް އެވަރަށް މޯޓިވޭޓްވެފައި ތިބޭނެ ކަމަށް،" ޓީމު އޮތް ހާލަތާއި ނިއުގެ މައްޗަށް ކާމިޔާބު ހޯދޭނެ ރެސިޕީ މޯހަން ކިޔައިދިނެވެ.

މޯހަން ބުނީ ނިއުގެ ވަކިވަކި ކުޅުންތެރިންނަށް އިސްކަން ދޭން ނުވިސްނާ ކަމަށާއި އީގަލްސް ކެޅޭނީ ޓީމެއްގެ ގޮތުގައި ނިއު ބަލިކުރުމަށް ކަމަށެވެ. އަދި އީގަލްސްގައި މިހާރު ތިބި ޒުވާން ހުނަރުވެރި ކުޅުންތެރިންނަށް ނިއު ކަހަލަ ޓީމުތަކާ ދެކޮޅަށް ރަނގަޅަށް ކުޅުމަކީ މުހިންމު ކަމެއް ކަމަށާއި، ކުޅުންތެރިން ޓޮޕް ޕްލޭއަރުންނަށް ވާނީ އޭރުން ކަމަށް ވެސް މޯހަން ބުންޏެވެ.

ނިއުއާއި އީގަލްސް ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގަ އެވެ.