ކްރިކެޓް ބޯޑުން މާލޭގައި ބާއްވަމުން އަންނަ އިންވިޓޭޝަން ޓޭޕް ބޯލް ކުރިކްޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗްތައް މާލޭ ސްޕޯޓްސް އާއި ޖީއެމްއާރުން ކާމިޔާބު ކޮށްފި އެވެ.

ކުޅުވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗް މާލޭ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ އެއާޓެކްސީއާ ވާދަކޮށް 27 ލަނޑުން މެޗް ކާމިޔާބު ކޮށްގެން ނެވެ. ދެ ވަނަ މެޗް ޖީއެމްއާރުން ކާމިޔާބު ކުރީ އެސްޓީއޯއާ ބައްދަލުކޮށް 35 ލަނޑުން މެޗް ކާމިޔާބު ކޮށްގެން ނެވެ.

އިއްޔެގެ ފުރަތަމަ މެޗް ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކުލަބް ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 86 ލަނޑު ހެދި އެވެ. މެޗްގައި މާލޭ ސްޕޯޓްސް އިން އެންމެ ރަނގަޅަށް ކުލުނީ 36 ލަނޑު ހެދި ދަނުސްކާ އެވެ. ޖަވާބުގައި އެއާޓެކްސީ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 59 ލަނޑު ހެދި އެވެ. އެއާޓެކްސީން އެންމެ ރަނގަޅަށް ކުޅުނީ 17 ލަނޑު ހެދި ދަސާގް އެވެ.

އިއްޔެ ކުޅުނު މިމުބާރާތުގެ ދެ ވަނަ މެޗް ޖީއެމްއާރުގެ ޓީމުން ކާމިޔާބުކުރި އިރު، މެޗްގައި ފުރަތަމަ ޓޮސް ދިމާވުމުން އެޓީމް ގަސްތުކުރީ ކުޅުމަށެވެ. އެގޮތުން އެސްޓީއޯގެ ޓީމާ ބައްދަލުކޮށް އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުން ތެރިން ނުބައިވެގެން ޖީއެމްއާރުން ވަނީ 105 ލަނޑުހަދާފައެވެ. މެޗްގައި ޖީއެމްއާރުގެ ޓީމުން އެންމެ ރަނގަޅަށް 34 ލަނޑުހެދި މުހައްމަދު އާމިރެވެ. ޖަވާބުގައި އެސްޓީއޯ ކުޅެންއަރާ ހަތް ކުޅުންތެރިން ނުބައިވެގެން އަށްއޯވަރުގެ ތެރޭގައި 70 ލަނޑު ހެދިއެވެ. އެސްޓީއޯޓީމުން އެންމެ ރަނގަޅަށް ކުޅުނީ 18 ލަނޑު ހެދި މުހައްމަދު ފައިސަލް އެވެ.

މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާ ދެޓީމަކީ އެއާޓެކްސީއާ އެސްޓީއޯ އެވެ. ދެ ވަނަ މެޗްގައި ބައްދަލުކުރާ ދެޓީމަކީ ޖީއެމްއާރާ މާލޭ ސްޕޯޓްސް ކުލަބެވެ. މި ދެމެޗްގެ ކުޅުން ވެސް ފެށުމަށް ހަމަޖެހި ފައިވަނީ ހަވީރު 4:05 ގައި ކުޅިވަރު އެކުއެނީގަ އެވެ.