20 Mar 2018, 00:42
އެސްޓީއޯ މާލޭ ލީގުގައި އިބްރާހިމް އިޝާން (ސައްޓު) ކާމިޔާބުކުރި ދެ ލަނޑާއެކު ކްލަބު ވެލެންސިއާ އަތުން ޓީސީ ސްޕޯޓްސް ކްލަބު ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވެލެންސިއާގެ މައްޗަށް ޓީސީން ކުރި ހޯދީ 3-0ގެ ނަތީޖާއަކުންނެވެ. އެ މޮޅަކީ މިސީޒަނުގެ މާލޭ ލީގުގައި ޓީސީން ހޯދި ފުރަތަމަ މޮޅެވެ.
މާލޭ ލީގުގައި ޓީސީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 3-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ މެޗުގެ ފުރަތަމަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައި، ޓީސީން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައީ ޓީސީގެ ސައްޓުއާއި ޔާމިން އިބްރާހިމް (ޔާމްބެ)އަށެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ވެލެންސިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
މާލޭ ލީގުގައި ޓީސީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 3-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މެޗުގެ 60 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑުޖަހައި ލީޑު ހޯދައިފައެވެ. އެ ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ މިސީޒަނުގައި ޓީސީއާ ގުޅުނު ފޯވަޑް ސައްޓުއެވެ. އޭނާ ވަނީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.
ޓީސީ ވަނީ ފުރަތަމަ ލަނޑު ޖެހިތާ ހަ މިނެޓުތެރޭ ދެވަނަ ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ޑިއޯހް ކްލެރަންސް ވިލިއަމްސް ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ސައްޓުއެވެ. އެ ލަނޑުވެސް އޭނާ ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގައި ޓީސީން ކާމިޔާބުކުރި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 71 ވަނަ މިނެޓުގައެވެ. ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ މިޑްފީލްޑަރު ވްލަސިޗޭވް އެނަޓޯލީއެވެ. ވެލެންސިއާ ހާފުގެ މެދެއްހާ ހިސާބުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ވެލެންސިއާ ގޯލުގެ މަތީ ކަނަކަށެވެ.
މާލޭ ލީގުގައި ޓީސީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 3-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ޓީސީން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ދެ މެޗުން ބަލިވެ، އަދި އެއް މެޗުން ވަނީ އެއްވަރުވެފައެވެ. ހަތަރު މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ޓީސީ ވަނީ ލީގު ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. މިރޭގެ މެޗުން ބަލިވި ވެލެންސިއާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައެވެ.
މާލޭ ލީގުގައި މާދަމާވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް ބައްދަލުކުރާ އިރު، މާދަމާރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީއާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.