20 Mar 2018, 04:25
ޓީސީ ސްޕޯޓްސް ކްލަބުން ރޭ މާލޭ ލީގުގައި ކުޅުނު މެޗުގައި ކްލަބު ވެލެންސިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
އެންމެފަހުން ޓީސީން ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޓީސީގެ ބައެއް ކުޅުންތެރިން މެޗަށް ތައްޔާރު ނުވާ މައްސަލަ ދިމާވާ ކަމަށެވެ. އަދި ރޭގެ މެޗުގެ ކުރިން ނިޒާމްބެ ބުނެފައި ވަނީ ޓީސީގެ ފަރާތުން ތަފާތުތަކެއް ފެންނާނެ ކަމަށާއި ކުޅުންތެރިން ތިބީ ހެދުނު ގޯސްތައް ގަބޫލުކޮށް ނަތީޖާ ނެރުމަށް ތައްޔާރަށް ކަމަށެވެ.
މާލޭ ލީގުގައި ޓީސީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ރޭގެ މެޗުގައި ޓީސީ ފެނުނީ ކުރީ މެޗުތަކަށް ވުރެ ވަރުގަދަ ކޮށެވެ. މިދިޔަ ސީޒަންގައި ފެނުނު ޓީސީ މިސީޒަންގައި ފެނިގެންދިޔައީ ރޭގެ މެޗުންނެވެ.
"ބޭނުންވި ހުރިހާ ކަމެއް ފުރިހަމަ ކޮށްދީފި. ހަމަ ވަރަށް ރަނގަޅަށް ޓީމު ކުޅެފި. ވަރަށް ޑިސިޕްލިންކޮށް މިދިޔައީ. ޓެކްޓިކަލީ އެންމެ ގޯހެއް ވެސް ފެނިގެން ނުދެއޭ ބުންޏަސް ރަނގަޅުވާނެ. ހަމަ 90 މިނެޓް ނިމިގެންދިޔަ އިރު އެންމެ ބޯޅައެއް ފެނިގެން މިދިޔައީ ގޯސްކޮށް. ހުރިހާ ކުޅުންތެރިން ވެސް އެމީހަކާ ހަވާލުކުރި ޓާސްކް ހަމަ 100 ޕަސެންޓް ދީފި،" މެޗަށް ފަހު ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ފާހަގަކުރީ ގައުމީ ޓީމުގެ މެޗުތަކަށް ލީގު މެދުކަނޑާލަން ޖެހުމަކީ ލިބޭނެ ފައިދާއަކަށްވި ނަމަވެސް، ބްރޭކުން ފައިދާ ނެގުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
"ދެން ބަލަން ޖެހޭނީ އަނެއްކާ ވެސް މި ނަތީޖާ ދެމެހެއްޓޭނެ ގޮތެއް. ރަނގަޅު ކަމެއް ކަންނޭނގެ، ބްރޭކް ލިބުމަކީ. ސީނިއާ ބައެއް ކުޅުންތެރިން މިދިޔަ ސީޒަނުން ފެށިގެން ބްރޭކެއް ނެތި ކުޅުމުން މިދަނީ. އެހެންވީމަ އެ ކުޅުންތެރިންނަށް ބްރޭކެއް ދީފައި، އަލަށް ޓީމާ ގުޅުނު ކުޅުންތެރިން ރަނގަޅަށް ޓީމަށް ހާނާލަން ވަގުތުތަކެއް މި ލިބިގެންދަނީ. އެކަމަކު ބްރޭކް އެހާ ފަސޭހައެއް ނުވާނެ. ރަނގަޅު ފޯމެއްގައި އޮއްވައި ބްރޭކް އައުމުން އޭގެ ފައިދާ ނަގާނެ ގޮތެއް ވިސްނަން ޖެހޭނީ. ދެން އަނެއްކާ ވެސް ފަށާ މެޗުން އެނގޭނީ،" ނިޒާމްބެ ބުންޏެވެ.
މާލޭ ލީގުގައި ޓީސީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މާލޭ ލީގުގައި ދެން ޓީސީ ކުޅޭ މެޗެއް އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރޭގަ އެވެ. އެ މެޗުގައި ވާދަކުރާނީ ޓީސީއާއި ޔުނައިޓެޑް ވިކްޓަރީ އެވެ.