20 Mar 2018, 09:32
އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ވާދަކުރި މެޗު ނިމުނީ 3-0ގެ ނަތީޖާއަކުން މާޒިޔާ މޮޅުވެގެންނެވެ.
ކުޅުނު ހަތަރު މެޗުން ތިން ޕޮއިންޓާއެކު ލީގު ތާވަލުގެ ހަވަނާގައި ވިކްޓަރީ އޮތްއިރު، މިހާތަނަށް ލީގުގައި އެޓީމު ކުޅުނު ގިނަ މެޗުތަކެއްގައި ކޯޗު ލާޒްލޯ ކިސްގެ ހަމަލާތައް އަމާޒުކުރަނީ ރެފްރީންނަށެވެ.
އިއްޔެގެ މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ކިސް ބުނެފައި ވަނީ ރެފްރީންގެ ފަރާތުން ވިކްޓަރީއަށް ދޭން ޖެހޭ އިހުތިރާމް ނުދޭ ކަމަށެވެ. އަދި މީގެ ކުރިން ލީގުގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅެ، 2-1ގެ ނަތީޖާއަކުން ބަލިވި މެޗަށް ފަހު ވެސް ކިސްގެ ރުޅި ބޭލީ ރެފްރީންނަށެވެ.
"މިއަދު ރީނދޫ މީހާ (ރެފްރީ)ގެ މައްސަލަ ދިމާވި. ވިކްޓަރީއަށް ދޭން ޖެހޭ ތިން ޕެނަލްޓީ ނުދީ ދިޔަ. ޔޫވީއަށް ދިން ޕެނަލްޓީގައި މައްސަލައެއް ނެތް. ރެފްރީގެ އަމަލުތައް ބަލައެއް ނުގަނެވޭ،" ޔޫވީ މެޗަށްފަހު ކިސް ބުނެފައިވެ އެވެ.
މާލޭ ލީގުގައި ވިކްަޓަރީއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މާޒިޔާއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗަށް ފަހު ވެސް ކިސް ބުނީ އޭނާ ބޭނުން ވަނީ އިންސާފުވެރި ރެފްރީއެއް ކަމަށެވެ.
"ކުޅުނު ކޮންމެ މެޗެއް ވެސް އަދި މިކުޅުނީ 12 ކުޅުންތެރިންނާ ދެކޮޅަށް. މިއަދު މޮޅުވީ މޮޅުވުން ހައްގު ޓީމެއް ނޫން. ދެވަނަ ގޯލް ޖެހިއިރު ކުޅުންތެރިޔާ އޮތީ ފަސް މީޓަރު ހާތަން އޮފްސައިޑްގައި. ލައިސްމަނަކަށް ނުފެނުނު. ކީޕަރަށް ވުރެ ކުރީގައި ފޯވަޑް އޮތީ. އެއީ އޮފްސައިޑް، އޮފްސައިޑް، އޮފްސައިޑް. އަހަރެން ބޭނުމީ ރެފްރީން އިންސާފްވެރިވާނެ އެންމެ މެޗެއް. ހަމަ އެންމެ މެޗެއް،" އިންތިހާއަށް ރުޅި ގަދަވެފައި ހުރި ކިސް ބުންޏެވެ.
ކިސް ބުނީ މިއަދު ދަށްކޮށް ފެނުނީ ޓީމުގެ އެޓޭކު ކަމަށާއި، މައްސަލަތައް ހައްލުކުރުމަށް މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ތިން އިރު ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މިއަދު ލީގުގައި އޮންނަ މެޗުތަކަށް ފަހު ދެން އޮންނާނީ ބްރޭކެކެވެ. ރާއްޖޭ ގައުމީ ޓީމުން ކުޅޭ ބައިނަލްއަގުވާމީ ދެ މެޗަކަށް ތައްޔާރުވުމަށް ލީގު މެދު ކަނޑާލާއިރު، ވިކްޓަރީން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ މަހު ހަވަނަ ދުވަހުގެ ރޭ ގައެވެ. އެޓީމު ނުކުންނާނީ ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.