20 Mar 2018, 09:46
އެކުވެރިންނާއި އާއިލާއާ އެކު ދުފުންގަނޑެކެވެ. ކައި ނިންމައިގެން ބިލެތްގަނޑެކެވެ. މާލެ ވަށައި ފިންޏަށް ހަވީރު ނުކުމެލައި، ގާޑިޔާ ކައިރިން މޮޅު ބިލެތްގަނޑެކެވެ. މީހާ ތާޒާވެލުމަށް ސުޕާރީ ޕެކެޓެކެވެ.
ރާއްޖޭގައި އެކަންޏެއް ނޫނެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ދުފުމަކީ ސަގާފަތެކެވެ.
މިއަދު މުޅި ދުނިޔޭގައި"އަނގައިގެ ސިއްހަތުގެ ދުވަސް" ނުވަތަ "އޯރަލް ހެލްތު ޑޭ"ފާހަގަކުރާ އިރު، އަނގައިތެރެއާއި ދަތްތަކާ މެދު ވިސްނަންވެއްޖެ ނޫންހެއްޔެވެ.
ދުފުމަކީ ސިއްހަތަށް ނުރައްކާ ކަމެއްކަން މީހުން ކިޔާތީ ކުރިން ވެސް އަޑު އިވެއެވެ. އެހެން ނަމަވެސް މިއީ ތިޔަ ހީކުރާ ވަރަށް ވުރެ މާ ނުރައްކާ ކަމެކެވެ.
"އޯރަލް [އަނގައިގެ] ކެންސަރަށް ބަލާއިރު، ސިނގިރޭޓު ބުއިމަށް ވުރެ ދުފުމުން ކެންސަރު ޖެހުމުގެ ފުރުސަތު މާ ބޮޑު،" ޑެންޓިސްޓް ޑރ. އަހްމަދު ސަލީމް "ސަން"އަށް ވިދާޅުވި އެވެ.
ދުފުމަކީ ދުންފަތުގެ އިސްތިއުމާލުކުރުމަށް ވުރެ ނުރައްކާ ކަމެއްކަން ހާމަވާ އިރު، ދުފުމުގައި ދުންފަތް ބޭނުންކުރުމަކީ އަދި މާ ނުރައްކާ ކަމެކެވެ. އެކަމުގެ ސަބަބުންކެންސަރު ޖެހުމުގެ ފުރުސަތު ހަ ގުނައަށް އިތުރުވާކަމަށް ޑރ. ސަލީމް ވިދާޅުވި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސު ހިސާބުތައް ދައްކާ ގޮތުން ދެކުނު އޭޝިއާ ސަރަހައްދުގައި އާބާދީގެ ނިސްބަތުން އަނގައިގެ ކެންސަރު ޖެހިފައިވާ އެންމެ ގިނަ މީހުން ތިބީ ދިވެހިރާއްޖޭގަ އެވެ.
ކެންސަރު އެކަންޏެއް ނޫނެވެ.
ދުފުމާއި ގުޅިގެން ދަތްތަކުގައި ރެނދުލުމަކީ ވެސް ރާއްޖޭގައި ވަރަށް އާންމު މައްސަލަ އެވެ. ދުފުމާއި، ހަރު އެއްޗެހި ކެއުމުގެ ސަބަބުން ދަތްތަކުގައި ރެނދު ލައި، ދަތް ފަޅައިގެންދާ ހާލަތްތައް ވެސް ކުރިމަތިވެ އެވެ.
"އުމުރުން ދޮށީ އާބާދީގެ ގާތްގަނޑަކަށް 60-70 ޕަސަންޓު މީހުންގެ ދަތްތަކުގައި ރެނދުލާފައި ހުންނާނެ ދުފުމުގެ ސަބަބުން،" ޑރ. ސަލީމް ވިދާޅުވި އެވެ.
މި ސަބަބުތަކާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޓަކައި ދުފުމުގެ ނުރަނގަޅު ސަގާފަތް ދޫކޮށްލަން އެބަ ޖެހެ އެވެ. އަނގައިގެ ސާފުތާހިރުކަމަކީ މުޅި ހަށިގަނޑުގެ ވެސް ސާފުތާހިރުކަމެވެ.
ކައި ނިމިގެން ދުފާލުމަކީ ހިތްހަމަޖެހުމެއް ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް، އެ އާދަ ދޫކޮށްލަން އެބަ ޖެހެ އެވެ. ކައިގެން ފޯއް ފޮއްޗަކާއި ބިލެތްކޮޅެއް ހަފާލުމުގެ ބަދަލުގައި ފޮނިތޮށި ނުވަތަ ކާފޫރުތޮޅިކޮޅެއް ކާލެވިދާނެ އެވެ. އެތަކެތިން މާ ހިތްފަސޭހަ ރަހައަކާއި ހިތްހަމަޖެހުން ލިބޭނެކަން ޔަގީނެވެ.