25 Aug 2011, 14:05
ސްޕޭންގެ ވެލެންސިޔާއަށް ކުޅެމުންއައި ޒުވާން މިޑްފީލްޑަރު ހުއާން މަޓާ، 26 މިލިޔަން ޕައުންޑަށް ޗެލްސީއާއި ގުޅިއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު ނޯވިޗްއާ ދެކޮޅަށް ޗެލްސީ ކުޅޭ ޕްރެމިއާ ލީގު މެޗުގައި ޗެލްސީން މަޓާ ފެނިގެންދާނެ އެވެ.
ފަސްއަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ޗެލްސީއާއެކު ސޮއިކުރި ސްޕެއިންގެ ޒުވާން ތަރި މަޓާއަކީ މިސީޒަންގައި އެކުލަބަށް ގެނައި ހަތަރުވަނަ ކުޅުންތެރިޔާއެވެ. އޮރިއަލް ރޮމެއޫ، ރޮމެލޫ ލުކާކޫ އަދި ކީޕަރު ތިބޯ ކޯޓްއިސްގެ ސޮއިވެސް ޗެލްސީއިން މިސީޒަނުގައި ހޯދާފައިވެ އެވެ.
"ޗެލްސީއާ ގުޅުނު ފުރަތަމަ ވަގުތުން ފެށިގެން އަހަރެންނަށް ހިތްހަމަޖެހުން ލިބިގެންދިޔަ. ޗެލްސީ ޓީމާއެކު ޓްރެއިންނިންގް ދިޔައީ ވަރަށް ރަނގަޅަށް. ޓީމުގައި ތިބި އެހެން ކުޅުންތެރިންގެ މޮޅު ފެންވަރު ފެނިގެންދިޔަ. ވެލެންސިޔާއަކީވެސް ބޮޑު ކުލަބެއް. ޗެލްސީކަހަލަ ބޮޑު ކުލަބަކަށް އަހަރެން ބަދަލުވީ ކާމިޔާބީ ހޯދުމުގެ އަޒުމުގައި." މަޓާ ބުންޏެވެ.
މަޓާއާއެކު ޗެލްސީ ޓީމުގައި މިހާރު ސްޕެއިން ތިން ކުޅުންތެރިން ހިމެނެއެވެ. ސްޕެއިންގެ ފެނާންޑޯ ޓޮރޭސާއި ރޮމެއޫ ޓީމުގައި ޗެލްސީ ޓީމުގައި ހިމެނޭތީ މަޓާ ހިތްހަމަޖެހުން ފާޅުކޮށްފައިވެއެވެ.
"ޗެލްސީއާ މެދު އަހަރެންގެ ހިތުގައި ޝައުގުވެރިކަން އުފެއްދީ ޓޮރޭސް. އޭނާ ބުނި އަހަރެންނަށް މިޓީމުގައި ހުރެ ކާމިޔާބު ލިބޭނެއޭ. އަދި ދެ މީހުން އެކުވެގެންވެސް ކާމިޔާބީ ހޯދޭނެއޭ. އަހަރެން މިބަދަލާއި ބެހޭގޮތުން އާއިލާއާއި ރައްޓެހިންނާއިވެސް ވާހަކަދެއްކިން." މަޓާ ބުންޏެވެ.
މަޓާވަނީ 2003-2006 ވަނަ އަހަރާއި ހަމައަށް ރެއާލް މެޑްރިޑްގެ ޒުވާން ޓީމަށް ކުޅުމަށް ފަހު އެކުލަބުގެ ސީނާއާ ޓީމުގެ ބީ ޓީމުގައި ހިމެނި ދިހަ ލަނޑު ކާމިޔާބުކޮށްފައެވެ. ރެއާލް މެޑްރިޑުން ވެލެންސިޔާއަށް 2007 ވަނަ އަހަރު ބަދަލުވެ އުމުރުން 23 އަހަރުގެ މަޓާ ވަނީ ކުޅުނު 179 މެޗުން 34 ލަނޑު ކާމިޔާބުކޮށްފައެވެ.
ސްޕެއިންގެ ގައުމީ ޓީމުގެ ސީނިއާ ޓީމުގައިވެސް ހިމެނޭ މަޓާ ވަނީ ގައުމީ ޓީމުގެ ސޯޅަ އަހަރުން ދަށުގެ ޓީމަށާއި، ސަތާރަ އަހަރުން ދަށުގެ ޓީމަށާއި ނަވާރަ އަހަރުން ދަށުގެ ޓީމަށާއި ވިހި އަހަރުން ދަށުގެ ޓީމުގެ އިތުރުން އެކާވީސް އަހަރުން ދަށުގެ ޓީމަށްވެސް ކުޅެފައެވެ. މީގެ އިތުރުން ނިމިގެންދިޔަ 21 އަހަރުންދަށުގެ ވޯލްޑްކަޕްގައި މަޓާވަނީ ބްރޮންޒް ބޫޓާއި އެންމެ ގިނަ ގޯލް ކާމިޔާބުކޮށް ދިނުމަށް އެހީތެރިވި ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފައެވެ.