14:30


ހަތް ކިލޯއެއްހާ ބަރުދަން ހުރި ބޮޑު މާވަހަރެއް ފުވުއްމުލަކު މީހަކު ހޮވައިފި އެވެ.


ފުވައްމުލަކު ދިގުވާޑު އަވަށުގެ ގެރަގަނޑުފަންނުގެ އަތިރިމަތިން އެ މާވަހަރު ހޮވި އެރަށު ބާޝާންޑުގޭ އުމުރުން 38 އަހަރުގެ އަމްޖަދު ރުޝްދީ އަހުމަދު މިއަދު ބުނީ އެ މާވަހަރު އޭނާ އަށް ފެނުނީ މިދިޔަ ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތެއްގައި އަތިރިމަތީގައި އުޅެނިކޮށް ކަމަށެވެ.


އަމްޖަދް ބުނީ އަތިރިމަތީގައި ހުދުކުލައިގެ ގާގަނޑެއް ފާޑުގެ އެއްޗެއް އޮތްތަން ފެނިގެން އޭތި ނެނގިއިރުވެސް އެއީ މާވަހަރެއްކަން އޭނާއަށް ޔަޤީންވި ކަމަށާއި އޭގެ ބަރުދަނުގައި ހަ ކިލޯ ހަތް ސަތޭކަ ގްރާމް ހުރި ކަމަށެވެ. އަދި އެދުވަހު އެމާވަހަރު ހިފައިގެން ގެއަށްއައިސް ފޮރުވުމަށްފަހު އޭގެން އެތިކޮޅެއް އޭނާގެ ގޭ މީހުންނަށް ދެއްކި ކަމަށާއި އަދި އެމީހުން ކައިރީގައި އެއީ މާވަހަރުކޮޅެއްތޯ ސުވާލު ކުރުމުން ގޭ މީހުންނަށް އެއީ ކޮން އެއްޗެއް ކަން ނޭނގުނު ކަމަށްވެސް އަމްޖަދު ބުންޏެވެ. އަދި އެއީ މާވަހަރެއްކަން ޔަޤީންކުރުމަށްފަހު ނޫނީ މާވަހަރެއް ހޮވި ވާހަކަ އެއްވެސް މީހަކު ކައިރީގައި ނުބުނުމަށް އަޒުމް ކަނޑައެޅީ ކަމަށްވެސް އަމްޖަދު ބުންޏެވެ.


އަތިރިމަތިން ހޮވި އެ އެއްޗަކީ މާވަހަރެއްކަން ޔަޤީންވީ އޭގެން އެތިކޮޅެއް ހިފައިގެން އިއްޔެ ހަވީރު އެރަށު ތައުލީމީ މަރުކަޒުގެ ލެބޯޓްރީއަށް ގެންގޮސް ތިން ފަހަރު މަތިން ޓެސްޓްކުރުމުން ވެސް އޭތި ކޮޅު މާވަހަރަށް ޕޮޒިޓިވްވުމުން ކަމަށް އަމްޖަދު ބުންޏެވެ.


ބޯޓު ދަތުރުކުރަން އުޅެފައި އެމަސައްކަތް ހުއްޓާލުމަށްފަހު، އަންހެނުންނާއި އަށް އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން ރަށުގައި މިހާރު ދިރުއުޅެމުން އަންނަ އަމްޖަދު ބުނީ ރަށުގައި އުޅޭތާ މިހާރު ހަމަސްވެއްޖެ ކަމަށާއި މާވަހަރެއް ލިބުމުން ވަރަށް އުފާވި ކަމަށެވެ. އެމާވަހަރު ގާތްގަނޑަކަށް ހަ ލައްކައެއްހާ ރުފިޔާއަށް ވިއްކާލެވޭނެ ކަމަށް ބައެއް މީހުން ބުނާ ކަމަށާއި ނަމަވެސް އެމާވަހަރު ވިއްކާލާނެ ވަކި އަގެއް އަދި ކަނޑައަޅާފައިނުވާ ކަމަށް އަމްޖަދު ކިޔައިދިނެވެ.


އަމްޖަދު އެ މާވަހަރު ހޮވި ސަރަހައްދުން މީގެ ދެމަހެއްހާ ދުވަސް ކުރިންވެސް އެރަށު މީހަކު ވަނީ އެއްކިލޯ ހުންނަ މާވަހަރެއް ހޮވާފަ އެވެ.