19 Mar 2018, 20:30
އެސްޓީއޯ މާލޭ ލީގުގައި މިއަދު ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ވިކްޓަރީ ސްޕޯޓްސް ކްލަބުގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުން މޮޅުވެ މާޒިޔާވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓް މާޒިޔާއަށް ލިބޭއިރު، މިއަދުގެ މެޗުން ބަލިވި ވިކްޓަރީއަށް ހަތަރު މެޗުން ލިބުނީ ތިން ޕޮއިންޓެވެ.

މާލޭ ލީގުގައި މާޒިޔާއާއި ވިކްޓަރީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މެޗު ފެށިގެން ފުރަތަމަ ކޮޅުގައި ދެ ޓީމުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ފުރަތަަމަ 20 މިނެޓް ފަހުން މާޒިޔާއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ.
މެޗު ޑޮމިނޭޓްކޮށް ކުޅުނު މާޒިޔާއިން ލީޑު ނެގީ މެޗުގެ 38 ވަނަ މިނެޓުގައެވެ. އެ ގޯލަކީ މާޒިޔާގެ ކަނާތް ފަޅިން ކުރިއަށް ކުޅެމުންދިޔަ ނާއިޒް ހަސަން (ދާދު) ނެގި ހުރަސް ވިކްޓަރީގެ ޑިފެންޑަރު އަލީ ސާމިސް (ތޮއްޕެ) ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.
މާޒިޔާގެ ގޯލަށްފަހު އެޓީމުން ކުޅުން އިތުރަށް ރަނގަޅުކުރިއެވެ. އެގޮތުން މާޒިޔާގެ ވިންސެންޓް ފޯވަޑް، ކޯނެލިއަސް ސްޓެވާޓާއި ދާދުއަށް ލިބުނު ފުރުސަތުތައް ފުރަތަމަ ހާފްގައި ފާހަގަކޮށްލެވުނެވެ. މެޗުގެ ފުރަތަމަ ހާފްގައި މާޒިޔާގެ ކުރިއަށް ކުޅެމުންދިޔަ އަހުމަދު އިމާޒް (އާއްކޮ)އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާގެ ބަދަލުގައި ކުޅެން ނުކުތީ އާދަމް ނާސިހު (އާދަންނާ) އެވެ.

މާލޭ ލީގުގައި މާޒިޔާއާއި ވިކްޓަރީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ފުރަތަމަ ހާފް ނިމެން ދަނިކޮށް މާޒިޔާއިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. ވިކްޓަރީގެ އޭރިއާ ބޭރުން މާޒިޔާގެ މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) ފޮނުވާލި ބާރު ހަމަލާ، ވިކްޓަރީގެ ގޯލަށް ވަނީ ކޯނެލިއަސްގެ ފައިގައި ޖެހި މިސްރާބު ބަދަލު ވެގެންނެވެ.
ދެވަނަ ހާފަށް ނުކުމެ ފުރަތަމަ 15 މިނެޓު ތެރޭގައި ވިކްޓަރީން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ހާއްސަކޮށް އެޓީމުގެ ހަންގޭރީ ފޯވަޑް ސައިމަން ޓީބޯއަށް ލިބުނު ހުސްފުރުސަތު ފާހަގަކޮށްލެވުނެވެ.
ވިކްޓަރީން އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތްކާޑާއެކު އެޓީމުގެ އީސްޓް ޓިމޯގެ ފޯވަޑް ޕެޑްރޯ ހެންރިކޭ މިއަދު ހުރީ ސަސްޕެންޝަން ގައެވެ.
ވިކްޓަރީން ހާފްގެ ފުރަތަމަ ކޮޅުގައި ރަނގަޅަށް ކުޅުނު ނަމަވެސް މާޒިޔާއިންވަނީ ފަހުން މެޗުގެ ކޮންޓްރޯލް ހޯދައި ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މާޒިޔާގެ ކަނާތް ފަޅިން ކުރިއަށް ކުޅުނު އާދަންނާ ތަނަވަސްކޮށްދިން ދެ ފުރުސަތެއް ދާދުއަށް ހުސްކޮށް ލިބުނު ނަމަވެސް އޭނާގެ ދެ ހަމަލާވެސް ވަނީ ނާކާމިޔާބު ވެފައެވެ.
މީގެ އިތުރުން ވިކްޓަރީގެ ދެ ޑިފެންޑަރެއް ނައްޓާލުމަށްފަހު މާޒިޔާ އޭރިއާ ތެރެއަށްވަދެ ކޯނެލިއަސް ފޮނުވާލި ހަމަލާއާއި މިޑްފީލްޑަރު އިސްމާއީލް އީސަ (މެސީ) އަށް ހުސްކޮށް ލިބުނު ފުރުސަތުވެސް މެޗުގެ ދެވަނަ ހާފްގައި ފާހަގަކޮށްލެވުނެވެ.
މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މާޒިޔާގެ ތިންވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި މުހައްމަދު އިރުފާން (އިރޭ) އެވެ.

މާލޭ ލީގުގައި މާޒިޔާއާއި ވިކްޓަރީ ވާދަކުރި މެޗުގެ ތެރެއިން : އެ މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މާލޭ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ 9:00 ގައި އޮންނަ މެޗުގައި ވާދަކުރާނީ ކްލަބު ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.