ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ގޭހާއި ތެޔޮ ސަޕްލައި ކޮށްދިނުމަށް އެސްޓީއޯ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާއާއި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ޝަހީރު ވިދާޅުވި ގޮތުގައި، މި އެއްބަސްވުން އެކުލަވާލީ ކުރިޔައަ އޮތް ދެ އަހަރު ދުވަހަށް އެމްއޭސީއެލްއަށް ބޭނުންވާ ތެލާއި ގޭސް ފޯރުކޮށްދިނުމަށެވެ. އަދި އެ އެއްބަސްވުމަކީ 200 މިލިޔަނެއްހާ ޑޮލަރުގެ އެއްބަސްވުމެއް ކަމަށެވެ.

އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި ގޮތުގައި، އެސްޓީއޯއިން މި އެއްބަސްވުމަށް ހުށަހަޅާފައިވަނީ އެހެން އަހަރުތަކަށް ވުރެ ރަނގަޅު އަގެއް ކަމަށެވެ.

"އެސްޓީއޯއިން ވަރަށް ފަހުން ފިއުލް ސަޕްލައި ކުރަން 25000 ޓަނުގެ ވެސަލްއެއް އެ އޮތީ ގެނެސްފައި. އެހެންވީމަ އޭގެ ފައިދާ ހަމައެކަނި ލިބިގެން ދިޔައީ އެސްޓީއޯއަކަށް ނޫން. އޭގެން ސަޕްލައި ކުރާ ފަރާތްތަކަަށްވެސް ރަނގަޅު ފައިދާއެއް ލިބިއްޖެ،"

"އެގޮތުން އެމްއޭސީއެލްއަށްވެސް މީގެން ވަރަށް ރަނގަޅު ބެނެފިޓެއް ލިބިއްޖެ. މި ލިބޭ ކޮންމެ ބެނެފިޓަކީ ކަސްޓަމަރުންނަށް ޕާސްކުރެވިގެންދާނެ ކަމެއް. އެހެންވީމަ އެއާލައިންތަކަށް މީގެން މަންފާ ކުރާނެ." އާދިލް ވިދާޅުވިއެވެ.

އެސްޓީއޯއަކީ ވޭތުވެ ދިޔަ ހަ އަހަރުން ފެށިގެން އެމްއޭސީއެލްއަށް ބޭނުންވާ ތެލާއި ގޭސް ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ.