19 Mar 2018, 19:32
ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމަށް ޓެބްލެޓް ބޭނުންކުރަން ފެށުމުގެ ކުރިން މުދައްރިސުން އެކަމަށް އަހުލުވެރިވުމަށްޓަކައި ދެ ކޯހެއް ފުރިހަމަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފްތާގައި ސްކޫލުތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޓެބްލެޓު ބޭނުންކޮށްގެން ކިޔަވައިދިނުމަށް ތައްޔާރުވުމުގެ ގޮތުން "ގޫގްލް ފޮރ އެޑިއުކޭޝަން"ގެ ދެ ކޯހެއް ހުރިހާ މުދައްރިސުން ފުރިހަމަކުރުމަކީ ލާޒިމުކަމެއް ކަމަށެވެ.
އޭގެ ތެރޭގައި ހިމެނޭ ލެވެލް އެކެއްގެ ކޯސް، މާޗު 22 ގެ ކުރިން ފުރިހަމަކުރުމަށް އެޑިއުކޭޝަނުން އެންގި އިރު، ދެވަނަ ލެވެލްގެ ކޯސް އޭޕްރިލް މަސް ނިމުމުގެ ކުރިން ފުރިހަމަކުރަން އެޑިއުކޭޝަނުން އަންގާފައިފެއެވެ.
ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފުރަތަމަ ކޯސް ފުރިހަމަ ނުކުރާ މުދައްރިސުން ފުރަތަމަ ޓާމުގެ މިޑް-ބްރޭކު ބަންދު ދުވަސްވަރުގައި އެ ތަމްރީނު ހަދައި ނިމޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޑިއުކޭޝަނުން ސްކޫލުތަކަށް އަންގާފައިވެއެވެ.
އަދި އެ ދުވަސްތަކަކީ ތަމްރީނު ފުރިހަމަ ނުކުރާ މުދައްރިސުން ސްކޫލަށް ނުކުންނަންޖެހޭ ދުވަސްތަކެއް ކަމުގައި ހަމަޖެއްސުމަށް އެޑިއުކޭޝަނުން އިރުޝާދު ދީފައިވެއެވެ.
"ބަންދު ދުވަސްތަކުގައި ފުރިހަމަކުރަންޖެހޭ ޓީޗަރުންގެ އަދަދަށް ބަލައި، އެ ބޭފުޅުންނަށް ކޮމްޕިއުޓަރު ފެސިލިޓީ ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ގަޑިތައް ހަމަޖައްސަވައިގެން ކުރިއަށް ގެންދިއުމަށްވެސް ދަންނަވަމެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ މެސެޖުގައި ވެއެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ، ކުރިއަަށް އޮތް ތަނުގައިވެސް ޓީޗަރުން ޓެބްލެޓަށް އަހުލުވެރިކުރުމުގެ ގޮތުން އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލެއް ގެނައުމުގެ ގޮތުން ދަރިވަރުން ކިޔެވުމުގައި ބޭނުންކުރަން ހަމަޖެހިފައިވާ ޓެބްލެޓްތައް ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއެކު ބޭނުންކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.