19 Mar 2018, 16:09
ވޮޝިންޓަން (މާޗް 19): ވީޑިއޯ ގޭމެއް ކުޅެން އުޅުމުގެ ތެރޭގައި އުފެދުނު ދެބަސްވުމަކާ ގުޅިގެން އެމެރިކާގެ މިސިސިޕީގައި ނުވަ އަހަރުގެ ކުއްޖަކު އޭނާގެ 13 އަހަރުގެ ދައްތަގެ ބޮލަށް ބަޑި ޖަހާ މަރާލައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ނުވަ އަހަރުގެ ފިރިހެން ކުއްޖާ އޭނާގެ ދައްތަގެ ބޮލަށް ބަޑި ޖެހީ ވީޑިއޯ ގޭމުގެ ކޮންޓްރޯލާ ދޭން ދެކޮޅު ހެދުމުންނެވެ. އެކުއްޖާ ބަޑި ޖެހީ އަންހެން ކުއްޖާގެ ފަހަތުގައި ހުރެގެން ކަމަށާއި އޭރު ދެ ކުދިންގެ މަންމަ ހުރީ ގޭގެ އެހެން ކޮޓަރިއެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު ދަނީ އެކުއްޖާއަށް ބަޑި ލިބުނު ގޮތް ހޯދައި، މައްސަލަ ތަހުގީގު ކުރަމުންނެވެ.
"މިއީ މުޅިން އާ ކަމެއް. ނުވަ އަހަރުގެ ކުއްޖަކު ބަޑި ޖެހި މައްސަލައެއް މީގެ ކުރިން ނުބަލަން،" މޮންރޯ ކައުންޓީގެ ޝެރިފް ސިސިލް ކެންޓްރެލް ވިދާޅުވި އެވެ.
އަދި އެމައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރާނެ ކަން އަދި ޔަގީން ނުވާ ކަމަށާއި އެކަމާ ބެހޭ ގޮތުން ވަކި އެއްޗެކޭ ބުނަން މާ އަވަސްކަމަށް ޝެރިފް ކެންޓްރެލް ވިދާޅުވި އެވެ. (ބީބީސީ)