ބާސެލޯނާއިން ބޭނުންވަނީ ބަލިނުވެ ސްޕެނިޝް ލީގު ކާމިޔާބުކުރަން ކަމަށް ކޯޗު، އާނެސްޓޭ ވަލްވާޑޭ ބުނެފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ބާސާއިން އެތުލެޓިކޯ ބިލަބާއޯގެ މައްޗަށް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. ބާސާގެ ގޯލްތައް ކާމިޔާބުކޮށްދިނީ ޕާކޯ އަލްކަސޭރާއި ލިއޮނަލް މެސީއެވެ.

ރޭގެ މެޗުން މޮޅުވެ ބާސާއިން ވަނީ އެޓީމުން ލަލީގާގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ސިލްސިލާ 29 މެޗަށް އިތުރުކޮށްފައެވެ. ބާސާއިން މި ސީޒަންގައި ކުޅުނު ލީގު މެޗަކުން ބަލިވެފައިނުވާ އިރު، މީގެކުރިން ލަލީގާގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކޮށް ރެކޯޑު ހަދާފައި އޮތީ ރެއާލް ސޮސިއެދާދުންނެވެ. އެގޮތުން 1979-80 ވަނަ އަހަރުގެ ސީޒަންގައި އެ ޓީމު ވަނީ ޖެހިޖެހިގެން 32 މެޗުން ބަލިނުވެ ހިފަހައްޓައިފައެވެ.

ބާސެލޯނާއާއި އެތުލެޓިކޯ ބިލްބާއޯ ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

"ބާސާއަށް ދެން ބާކީ އޮތީ ބާކީ ނުވަ މެޗު. އެ ނުވަ މެޗުންވެސް ނެގެން އޮތް 27 ޕޮއިންޓް ނަގަން ނުކުންނާނީ. މި އަހަރުގެ ލީގުގައި ބާސާގެ އަމާޒަކީވެސް އެއީ،" ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ވަލްވާޑޭ ބުންޏެވެ.

މިހާތަނަށް އެއްވެސް ޓީމަކަށް ލާލީގާގެ ސީޒަނެއް ބަލިނުވެ ނިންމާލެވިފައިނުވާ އިރު، ބާސާއިން މި ސީޒަންގައި ކުޅުނު 29 މެޗުން އެޓީމު ވަނީ 23 މެޗުން މޮޅުވެފައެވެ. ހަ މެޗުން އެއްވަރުވެފައެވެ.

"ބާސާއަކީ ޓީމެއްގެ ގޮތުގައި އެޓޭކްކޮށް، ޓީމެއްގެ ގޮތުގައި ޑިފެންސް ކުރާ ޓީމެއްކަން ރޭގެ މެޗުން ދައްކައިފި. ވަރަށް ރަނގަޅަށް ފުރަތަމަ ހާފްގައި އެޓޭކްކޮށް، ދެވަނަ ހާފްގައި ލީޑު ދަމަހައްޓައިފި،" ރޭގެ މެޗާ ގުޅިގެން ވަލްވާޑޭ ބުންޏެވެ.

ބާސެލޯނާއާއި އެތުލެޓިކޯ ބިލްބާއޯ ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ބާސާއިން ބަލިނުވެ ލީގު ނިންމާލަން ހިފާފައިވާއިރު، ކުރިއަށް ވަރުގަދަ މެޗުތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ރެއާލްއާ ދެކޮޅަށް ނުކުންނަ މެޗާއި ސެވިއްޔާ އަދި ވެލެންސިއާއާ ދެކޮޅަށް ނުކުންނަ މެޗު ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗުން މޮޅުވެ ބާސާއިން ވަނީ ލަލީގާ ތާވަލުގެ އެއްވަނައިގައި އެޓީމު ދަމަހައްޓަމުން އަންނަ ލީޑު 11 ޕޮއިންޓަށް ފުޅާކޮށްފައެވެ.