19 Mar 2018, 13:35
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާކުރުމަށް ނޫސްވެރިންނާއެކު ކޮފީ މޭޒަކަށް އެރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މާދަމާ ހެނދުނު 10:00 ގައި ސިޓްރޮން ރެސްޓޯރަންޓުގައި ބާއްވާ އެ ބައްދަލުވުމުގައި ރިޔާސީ އިންތިޚާބާއި އެ ކޮމިޝަނުން ކުރިއަށްގެންދަން ހުރި ކަންތައްތަކާ ގުޅޭގޮތުން ނޫސްވެރިންނާ މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަނަކީ އަބަދުވެސް މީޑިއާއާ އެކު ޚާއްސަ ގުޅުމެއް ބާއްވަމުން އަންނަ ކޮމިޝަނެކެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތައް ހާމަކަން ބޮޑުގޮތެއްގައި ކުރިއަށްގެންދިޔުމަށްޓަކައި އަބަދުވެސް ނޫސްވެރިންނާ މަޝްވަރާ ކުރަމުންދާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުން އަހުމަދު ސުލައިމާން އިސްތިއުފާ ދެއްވުމުން މިހާރު އެ ކޮމިޝަނަށް ހަމަޖައްސަވާފައި ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އާދަމެވެ.
އެ ކޮމިޝަނުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތެވެ.
ރިޔާސީ އިންތިޚާބު ވެގެންދާނީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.