19 Mar 2018, 11:38
އުމުރުން 50 އަހަރުވަންދެން ދުނިޔޭގައި ހުންނެވުމުގެ ފުރުސަތު ލިބިއްޖެ ނަމަ ސައޫދީގެ ރަސްކަމުގެ މަގާމު ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް ސައޫދީގެ ވަލީއުލްއަހްދު އަދި އެގައުމުގެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސީބީއެސް ޓީވީ ނެޓްވޯކަށް ދެއްވި ބަސްދީގަތުމެއްގައި މުހައްމަދު ބިން ސަލްމާން ވިދާޅުވީ ސައޫދީ ރަސްކަމުގެ ތަޚްތާ ދިމާއަށް އޭނާ ކުރައްވާ ދަތުރު ނިމުމަކަށް އަންނާނީ ހަމައެކަނި މަރުވެއްޖެ ހާލަތެއްގައި ކަމަށާއި ލަސްވެގެން އުމުރުން ފަންސާސް އަހަރުވުމުގެ ކުރިން ސައޫދީ ރަސްކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގަ އެވެ.
އުމުރުން 33 އަހަރުގެ ބިންސަލްމާން ވިދާޅުވީ ސައޫދީ ޝާހީ އާއިލާގެ މެންބަރުންނާއި ކުރީގެ ވަޒީރުންގެ ތެރޭގައި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ބޭފުޅުން ތިއްބިވި ކަމަށާއި އެމީހުން ރިޔާޒްގެ ރިޒްކާލްޓަން ހޮޓަލުގައި ހައްޔަރުކޮށް ބޭތިއްބުމުގެ ނަތީޖާއެއްގެ ގޮތުން 100 ބިލިޔަން ޑޮލަރު ދައުލަތަށް ދައްކަން އެމީހުން އެއްބަސްވި ކަމުގަ އެވެ. ފަސްތަރީގެ ރިޒްކާލްޓަން ހޮޓަލުގައި އެމީހުން ހައްޔަރުކުރުމުގެ ހަގީގީ މަގްސަދަކީ އެމީހުން އަތުން ފައިސާ ހޯދުމަށް ނޫން ކަމަށާއި އެމީހުންނަށް އަދަބު ދިނުން ކަމަށް ބިން ސަލްމާން ވިދާޅުވި އެވެ.
ބިންސަލްމާންގެ މުއްސަނދި ކަމާއި އޭނާ ބޭކާރު ގޮތުގައި ކުރައްވަމުން ގެންދަވާ އިސްރާފު ޚަރަދުތަކާ ބެހޭ ގޮތުން ސީބީއެސްގެ ޕްރެޒެންޓަރު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ބިންސަލްމާން ވިދާޅުވީ އޭނާއަކީ އަބަދު ވެސް މުއްސަނދި ބޭފުޅެއް ކަމަށާއި އޭނާއަކީ މަހާތުމާ ގާންދީ އަދި ނެލްސަން މަންޑޭލާ ފަދަ ފަގީރެއް ނޫންކަމުގަ އެވެ. ސައޫދީގައި ދީނީ ފަތުވާތަކާއި ދީނުގެ ނަމުގައި ފިކުރުތައް ފަތުރަމުން ދިޔަގޮތުން އެގައުމުގެ ބައެއް ޒުވާނުންގެ މެދުގައި ދީނުގެ ނަމުގައ ހަރުކަށިކަން އުފެދިގެން ދިޔަކަން ހާމަކުރައްވަމުން ބިން ސަލްމާން ވިދާޅުވީ ހައްދު ފަހަނަޅާފައިވާ ފަރާތްތަކާއި ހައްދު ފަހަނަޅާފައިވާ ފިކުރުތައް ކޮންޓްރޯލް ކުރުމަށް ސައޫދީ ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާކަމުގަ އެވެ.
އެގޮތުން ހަރުކަށި ފިކުރު ކޮންޓްރޯލް ކުރުމަށް ޓަކައި އެތައް ބަޔަކު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި އިލްމުވެރިންނާއި އެނޫން މީހުން ވެސް ހިމެނޭ ކަމަށާއި އެމީހުންގެ ނަންތައް ވަރަށް އަވަހަށް އިޢްލާންކުރާނެ ކަމަށް ބިން ސަލްމާން ވިދާޅުވި އެވެ. މި ނަންތައް ހާމަކުރުމުން ހައްދު ފަހަނަޅާފައިވާ ފަރާތްތަކާއި ހައްދު ފަހަނަޅާފައިވާ ފިކުރު ކޮންޓްރޯލް ކުރުމަށް ސައޫދީ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ދުނިޔެއަށް އެނގިގެންދާނެ ކަމަށް ބިން ސަލްމާން ވިދާޅުވި އެވެ.
ސައޫދީގައި ދީނީ ފަތްވާތައް ހަރުކަށިވެ ދީނީ މުއާމަލާތްތައް ހަރުކަށި ގޮތެއްގައި ހިންގުމުގެ ފިކުރު ފެތުރިގެން ދިޔައީ 1979 ގެ ފަހުން ކަމަށާއި އޭގެ ކުރިން ސައޫދީ އަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ދީނީ ކަންކަން މެދުމިނުގައި ކުރިޔަށްދިޔަ ގައުމެއްކަމަށް ބިން ސަލްމާން ވިދާޅުވި އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އަންހެނުން ކަޅު ފޮތިން ބުރުގާ އެޅުމާއި ކަޅުހެދުންލުމާއި ޢަބާއާ (އަބާޔާ) އެޅުން ފަދަ ކަންކަމަކީ އިސްލާމް ދީނުގެ ޝަރުއީ އެއްވެސް ނައްސަކުން ސާބިތުވާން އޮތްކަމެއް ނޫން ކަމަށް ބިން ސަލްމާން ވިދާޅުވި އެވެ. ނަމަވެސް އަންހެނުން ބުރުގާ އަޅައި އަވްރަ ނިވާވާ ފަދަ މުހްތަރަމް ހެދުމެއް އަޅަން ޖެހޭ ކަމަށް ބިން ސަލްމާން ވިދާޅުވި އެވެ.
އިސްލާމީ ސިޔާސީ ޖަމާއަތެއްކަމަށްވާ އިޚްވާނުލްމުސްލިމޫން (މުސްލިމް ބްރަދަހުޑް) ޖަމާއަތާ ބެހޭ ގޮތުން ސީބީއެސްގެ ޕްރެޒެންޓަރު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ބިންސަލްމާން ވިދާޅުވީ ސައޫދީގައި އިޚްވާނުލްމުސްލިމޫން ޖަމާއަތަށާއި އެޖަމާއަތުގެ ދީނީ ފިކުރަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށާއި ސައޫދީ ޒުވާނުންގެ ސިކުނޑިތަކުންނާއި ސައޫދީ ތައުލީމީ މުއައްސަސާތަކުން ކުރުމުއްދަތެއްގެ ތެރޭގައި އެފިކުރު ފުހެލައްވާނެކަމުގަ އެވެ.
އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ބިންސަލްމާން ވިދާޅުވީ އޭނާވެސް އިންސާނީ ހައްގުތަކަށް އިޙްތިރާމް ކުރައްވާ ކަމަށާއި ނަމަވެސް ޔޫރަޕާއި އެމެރިކާ އިން ގެންގުޅޭ އިންސާނީ ހައްގުތަކުގެ މިންގަނޑުތައް އޭނާ ގެންގުޅުއްވާ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ ތަފާތުވެދާނެ ކަމުގަ އެވެ.
ބިން ސަލްމާނަކީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދަރިކަލުންނެވެ. އޭނާއަކީ ސައޫދީ ވަލީއުލްއަހްދު ކަމަށްވާތީ ރަސްގެފާނު އަވަހާރަވެއްޖެ ނަމަ ވެރިކަން ލިބިވަޑައިގަންނަވާނީ ވަލީއުލްއަހްދަށެވެ. ބިން ސަލްމާން ރަސްކަމުގައި މިވަގުތު ނުހުންނެވި ނަމަވެސް ސައޫދީގެ ވެރިކަމުގެ ހަގީގީ ބާރުތައް މިހާރު ވެސް އޮންނަނީ އޭނާގެ އަތްޕުޅުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބިން ސަލްމާންގެ މޭސްތިރިކަމުގެ ދަށުން ސައޫދީ އަށް ގެންދަނީ އިގްތިސާދީގޮތުންނާއި ދީނީ ފިކުރުގެ ގޮތުން ސައޫދީ އަށް ބޮޑެތި އިސްލާހްތަކެއް ގެނައުމަށް ޓަކައި އިސްލާހީ ޕްރޮގްރާމެއް ހިންގަމުންނެވެ.
މި އިސްލާޙީ ޕްރޮގްރާމުގެ ދަށުން ސައޫދީ ސަރުކާރުންވަނީ މުނިފޫހި ފިލުވުމަށް ޚާއްސަ މުއައްސަސާއެއްވެސް އުފައްދާފަ އެވެ. އެމުއައްސަސާ އިން ވަނީ މުނި ފޫހިފިލުވުމުގެ ހަރަކާތްތަކުގެ ގޮތުގައި ސައޫދީގައި ލަވައާއި މިޔުޒިކީ ހަފްލާތައް ބޭއްވުމުގެ ހުއްދަ ވެސް ދީ އެފަދަ ހަފްލާތައް ބާއްވަން ފަށައިފަ އެވެ. މުނިފޫހި ފިލުވުމުގެ މަރުކަޒުތަކާއި އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ޕްރޮގްރާމުގެ ދަށުން ސައޫދީގައި އޮޕެރާ ހައުސް އަކާއި މިޔުޒިކް ދަސްކޮށްދޭ އިންސްޓިޓިއުޓެއް ގާއިމް ކުރުމަށް ވެސް ވަނީ ޕްލޭންކޮށްފަ އެވެ. މިޔުޒިކާއި ލަވައަކީ ހަރާމް އެއްޗެއްކަމަށް ސައޫދީ ބައެއް އިލްމުވެރިން ކުރިން ފަތްވާ ދެއްވާފައިވީ ނަމަވެސް މުހައްމަދު ބިން ސަލްމާންގެ އިސްލާޙީ ޕްރޮގްރާމުގެ ދަށުން ސައޫދީ ގައި މިހާރު ބާއްވަމުންގެންދާ ލަވައާއި މިޔުޒިކްގެ ހަފްލާތަކަށް ސައޫދީ ދީނީ އިލްމުވެރިން ދެކޮޅު ހައްދަވާފައެއް ނުވެ އެވެ.
ދާދިފަހުން ސައޫދީގައި ވަނީ އަބާއާ އާއި ނުލައި އަދި ބޯވެސް ނިވައިނުކޮށް އަންހެނުން ހިމަނައިގެން ފެޝަން ޝޯއެއް ވެސް ބާއްވާފަ އެވެ. އަދި ރާޒުވާއާއި ތާސްކުޅުމުގެ މުބާރާތްތަކެއް ވެސް ވަނީ ބާއްވަފައެ ވެ. ސައޫދީ އަންހެނުން މަސައްކަތުގެ މާހައުލަށް ނެރުމަކީ ވެސް އިސްލާޙީ ޕްރޮގްރާމްގައި ހިމެނޭކަމެކެވެ. މިގޮތުން ސައޫދީ އިމިގްރޭޝަންގެ ވަޒީފާތަކަށް މިހާރުވަނީ އަންހެނުން ވައްދަން ފަށާފައެވެ. އަދި ސައޫދީ ސިފައިންގެ ޚިދްމަތަށް ވަނުމުގެ ފުރްސަތުވެސް މިހަފްތާ ތެރޭގައި އެގައުމުގެ އަންހެނުންނަށް ވަނީ ހުޅުވާލާފައެވެ.
މުހައްމަދު ބިންސަލްމާންގެ އިސްލާޙީ އެޖެންޑާގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ ސައޫދީ އިގްތިސާދު ތެލަށް ބަރޯސާވުން ދެބައިކުޅަ އެއްބައަށް ކުޑަކުރުމެވެ. މިކަމަށްޓަކައި ސިނާއަތާއި ޓޫރިޒަމް ފަދަ ސެކްޓަރުތައް ވަރުގަދަކުރުމަށާއި ދުބާއި ފަދަ ހުރިހާ ކަމެއް ހުއްދަ ވޯލްޑް ސިޓީއެއް ބިނާކުރުމަށް ވެސް ސައުދީ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި ޔޫރަޕްގައި ހުންނަ ބާވަތުގެ ޓޫރިސްޓް ހޮޓާތަކާއި ބީޗްތައް ސައޫދީގައި ތައާރަފް ކުރުމަށް ވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)