ކްލަބު މޯލްޑިވްސް ކަޕް އަދި 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ކުޅުން ރޭ ފެށިފައިވާއިރު، ޕަބްލިކް ވޯކްސް އަދި ފެނަކަ އަންހެން ޓީމުން ފެށުން ރަނގަޅުކޮށްފިއެވެ.

މިދިޔަ އަހަރު ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަނުންނަކީ އެމްއާރުޑީސީއެވެ. އެމްއާރުޑީސީން މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕުގައި ބައިވެރިވެފައެއް ނުވެއެވެ. އަދި މިދިޔަ އަހަރު 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަނުންނަކީ ރޭގެ މެޗުން މޮޅުވި ފެނަކައެވެ.

މާފަންނު މިނީ ގްރައުންޑުގައި ރޭ ފެށި ކްލަބު މޯލްޑިވްސް ކަޕްގެ ފުރަތަމަ މެޗުގައި ވާދަކުރީ ގްރޫޕް އީގެ ޕަބްލިކް ވޯކްސް އަދި ކްލަބު އާސަންދައެވެ.

އެ މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕަބްލިކް ވޯކްސްއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ޕަބްލިކް ވޯކްސްއިން އެޓޭކިން ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އާސަންދައިން ވަނީ ކައުންޓާ އެޓޭކް ފުރުސަތުތަކުގައި ޕަބްލިކް ވޯކްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ފުރަތަމަ ހާފް 0-0 ގެ ނަތީޖާއަކުން ނިމުނު އިރު، ދެވަނަ ހާފް ފެށިގެން ތިން މިނެޓް ތެރޭގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑު)ގެ ގޯލުން ޕަބްލިކް ސާވިސްއިން ވަނީ ލީޑު ނަގައިފައެވެ.

ބިޗަޑަކީ މިދިޔަ ސީޒަންގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފެނިގެން ގޮސްފައިވާ ކުޅުންތެރިއެކެވެ. ޕަބްލިކް ވޯކްސްގެ ގޯލްވެސް ރޭގެ މެޗުގައި ބަލަހައްޓާފައިވަނީ މިހާރު ކްލަބު ވެލެންސިއާއަށް ކުޅެމުން އަންނަ އަބްދުﷲ ޒިޔަޒަންއެވެ.

މެޗުގެ 25 ވަނަ މިނެޓުގައި އަލީ ޝާފިއު ޖެހި ގޯލާއެކު އާސަންދައިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ ދެވަނަ ހާފްގައި މޮޅަށް ކުޅުނު ޕަބްލިކް ވޯކްސްއިން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ 32 ވަނަ މިނެޓުގައެވެ. އެ ގޯލް ޕަބްލިކް ވޯކްސްއަށް ކާމިޔާބުކޮށްދިނީ އަހުމަދު ރައްޔާނުގެ ގޯލުންނެވެ.

މެޗު ނިމެން ދަނިކޮށް ބިޗަޑުގެ އިތުރު ގޯލަކާއެކު ޕަބްލިކް ވޯކްސްއިން ތިން ޕޮއިންޓް ޔަގީން ކުރިއެވެ.

ރޭ ކުޅުނު 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ މެޗުގައި ކުޅުނީ ގްރޫޕް ބީގައި އުރީދޫއާއި ފެނަކަ ވާދަކުރި މެޗެވެ.

އެ މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެންމެފަހުގެ ޗެމްޕިއަން ފެނަކައެވެ. މެޗުގައި ފެނަކައިގެ ޝައުލާ ތައުފީގު ދެ ގޯލް ކާމިޔާބުކޮށްފައިވާއިރު ބިދޭސީ ކުޅުންތެރިޔާ ނާމް އަދި އައިމިނަތު ޒާހިޔާ (ޒެޑޭ)ވެސް ވަނީ ގޯލް ޖަހައިފައެވެ.

ޒެޑޭއާއި ޝައުލާއަކީވެސް ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގައި ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނެވެ.

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ފެނަކައާއި އުރީދޫ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފެނަކަ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކްލަބު މޯލްޑިވްސްގައި މިއަދު އޮންނަ މެޗުތައް:

17:00 ތިލަފުށި ކޯޕަރޭޝަން - މީޑިއާނެޓް

20:15 ޔުނައިޓެޑް ބީއެމްއެލް - ކްލަބު އެޗްޑީސީ

20:15 ޓީމު ފެނަކަ - ޕޮލިސް ކްލަބު

21:15 ޔެސް ޓީވީ - އިސްލާމިކް އެފެއާޒް

21:15 ހައުސިން - ކަސްޓަމްސް ރެކްރިއޭޝަން ކްލަބު

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި މިއަދު އޮންނަ މެޗުތައް:

17:00 ވެމްކޯ - ޕޮލިސް ކްލަބު

ކްލަބު މޯލްޑިވްސް ކަޕްގެއޮންލައިން މީޑިއާ ޕާޓްނަރަކީ މިއަހަރުވެސްސަން އޮންލައިންއެވެ.