ޕޯޗުގަލް އަދި ރެއާލް މެޑްރިޑްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 50 ވަނަ ހެޓްރިކާއެކު ރެއާލް މެޑްރިޑުން މުހިންމު މޮޅެއް ހޯދައިފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ ގިރޯނާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރެއާލް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ހަތަރު ގޯލް ޖަހައިފައެވެ. ރެއާލްއިން މެޗު ކާމިޔާބުކުރީ 6-3 ގެ ނަތީޖާއަކުންނެވެ.

ރޮނާލްޑޯ ރޭގެ މެޗުގައި ކާމިޔާބުކުރީ އޭނާގެ ކެރިއަރުގެ 50 ވަނަ ހެޓްރިކް --- ފޮޓޯ/ އޭޕީ

މެޗުގެ 11 ވަނަ މިނެޓުގައި ރެއާލްއިން ވަނީ ލީޑު ނަގައިފައެވެ. ޖަރުމަނު މިޑްފީލްޑަރު ޓޯނީ ކުރޫސްގެ ބޯޅައަކުން ރެއާލްއަށް ލީޑު ނަގައިދިނީ ރޮނާލްޑޯއެވެ.

ރެއާލްއިން ލީޑުގައި ކުޅެމުން ދަނިކޮށް މެޗުގެ 29 ވަނަ މިނެޓުގައި ގިރޯނާއިންވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ސްޓުއާނީގެ ގޯލުން ނަތީޖާ ހަމަހަމަކޮށް، ގިރޯނާއިން ހާފް ނިންމާލީ 1-1ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިގެން ތިންވަނަ މިނެޓް ތެރޭގައި ރޮނާލްޑޯވަނީ ރެއާލްއަށް އަނެއްކާވެސް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 59 ވަނަ މިނެޓުގައި ލޫކަސް ވަޒްކުއޭޒްގެ ގޯލުން ރެއާލް ލީޑު ފުޅާކުރިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ ގިރޯނާއާ ރެއާލް މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރޮނާލްޑޯ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 50 ވަނަ ހެޓްރިކް ކާމިޔާބުކުރީ މެޗުގެ 64 ވަނަ މިނެޓުގައެވެ. ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ފޮނުވާލި ހަމަލާ ގިރޯނާގެ ކީޕަރު، ޔަސީން ބޮއޫނޫ މަތިކުރި ނަމަވެސް ރޮނާލްޑޯ ވަނީ ރީބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ރޮނާލްޑޯއަކީ ކެރިއަރުގައި 50 ހެޓްރިކް ހަމަކުރި މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ކެރިއަރުގައި އެންމެ ގިނަ ހެޓްރިކް ހަދާފައިވާ ކުޅުންތެރިއަކީ ފުޓުބޯޅަ ލެޖެންޑް ޕެލޭއެވެ. އޭނާގެ ކެރިއަރުގައި 92 ހެޓްރިކް ހަދާފައިވެއެވެ.

ސްޕެނިޝް ލަލީގާގައި ރޭ ގިރޯނާއާ ރެއާލް މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ 67 ވަނަ މިނެޓުގައި ސްޓުއާނީގެ ގޯލުން ގިރޯނާވަނީ އަނެއްކާވެސް މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ 86 ވަނަ މިނެޓުގައި ގެރެތު ބޭލް ޖެހި ގޯލާއެކު ރެއާލް އަނެއްކާވެސް ހިތްހަމަޖެހިލިއެވެ.

މެޗުގެ ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށްވެސް ދެ ގޯލު ފެނިގެން ގޮސްފައިވެއެވެ. އެގޮތުން މެޗު ނިމެންދަނިކޮށް ގިރޯނާގެ ރަމިއަރޭޒް ލޮޕޭޒް ޖެހި ގޯލުގެ އިތުރުން ރޮނާލްޑޯގެ ހަތަރުވަނަ ގޯލް ފާހަގަކޮށްލެވުނެވެ.

ރޭގެ މެޗުން މޮޅުވެ ރެއާލް ވަނީ އަނެއްކާވެސް ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. ކުޅުނު 29 މެޗުން 60 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި ރެއާލް އޮތްއިރު ވެލެންސިއާ ހަތަރު ވަނައިގައި އޮތީ އެ އަދަދަށް މެޗު ކުޅެ 59 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 64 ޕޮއިންޓް ލިބޭއިރު ބާސެލޯނާ އެއްވަނައިގައި އޮތީ 11 ޕޮއިންޓްގެ ލީޑެއްގައެވެ.