އޭބީސީ އިން ގެނެސްދެމުންދާ ޓީވީ ސީރީޒް "ވަންސް އަޕޯން އަ ޓައިމް"ގެ އެންމެ ފަހު އެޕިސޯޑް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ޓީމުން ތައްޔާރުވާން ފަށައިފިއެވެ.

ދިވެހިންގެ މެދުގައިވެސް މަގްބޫލު އެ ސީރީޒްގެ ކާމިޔާބު ހަތް ސީޒަނެއް މިހާތަނަށް ދައްކާފައިވާއިރު، ދެން ގެނެސްދޭނީ އެ ސީރީޒްގެ އެންމެ ފަހު އެޕިސޯޑް އެވެ. އެ އެޕިސޯޑާއެކު މުޅި ސީރީޒް ވެސް ނިމިގެންދާނެއެވެ.

ފެއަރީ ޓޭލްސް ވާހަކަތަކުގެ މައްޗަށް ބިނާކޮށް ގެނެސްދޭ އެ ސީރީޒްގައި ކުރިން އެ ސީރީޒް އާ ވަކިވި ތަރިންތަކެއް ފަހު އެޕިސޯޑުން ފެނިގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ. ގިނަ އަދަދެއްގެ ތަރިންތަކެއް އެ ސީރީޒް އާ ވަކިވި ނަމަވެސް މިހާރު އެ ހުރިހާ ތަރިންނަށް ވެސް ވަނީ ފަހު އެޕިސޯޑުގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.

ކާމިޔާބު ސީރީޒް ވަންސް އަޕޯން އަ ޓައިމްގެ ފަހު އެޕިސޯޑް ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.

މަސްދަރު: ޑިޖިޓަލް ސްޕައި