19 Mar 2018, 01:18
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމަށް އުފައްދައިފައިވާ ޖަމިއްޔާ، ކެއަރ ސޮސައިޓީގެ އަހަރީ ޖަލްސާ މިރޭ ބާއްވައިފިއެވެ.
ސެންޓްރަލް ހޮޓަލުގައި މިރޭ ބޭއްވި ކެއަރ ސޮސައިޓީގެ "19 ވަނަ އަހަރީ ޖަލްސާ"ގައި އެ ޖަމިއްޔާގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި އަހަރީ ރިޕޯޓް ހުށަހަޅުއްވަމުން ކެއަރ ސޮސައިޓީގެ ޑައިރެކްޓާ އޮފް ޕްރޮގްރާމްސް އައިޝަތު ޝުފާނާ ވިދާޅުވީ، ފާއިތުވި އަހަރު އެ ސޮސައިޓީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފައިވާ ކަމަށެވެ.
އެގޮތުން އެ ޖަމިއްޔާއިން ހިންގި ސީޑީސީ ޕްރޮގްރާމްގެ ފަސް ދަރިވަރަކަށް ކެއްކުމުގެ ކްލާހެއްގައި ބައިވެރިވުމުގެ ފުރުސަތުި ލިބުމާއި، ހއ. އިހަވަންދޫގައި އައުޓްރީޗް ހިދުމަތްތަކެއް ފައްޓައި ވޮލަންޓިއަރުން ތަމްރީނުކުރުން ހިމެނެއެވެ. ކެއަރ ސޮސައިޓީން ވަނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އާޓްސް ފެސްޓިވަލްގައި ވެސް ބައިވެރިވެފައެވެ.
ކެއާ ސޮސައިޓީގެ 19 ވަނަ އަހަރީ ޖަލްސާގެ ތެރެއިން-- ފޮޓޯ: ފަޔާޒު މޫސާ
ކެއަރ ސޮސައިޓީއަށް އެކިއެކި ގޮތްގޮތުން އެހީތެރެވެދޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކަށް ހާއްސަ އެވޯޑެއްވެސް މިރޭ ވަނީ އަރުވައިފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ އެ ކޮމެޓީގެ ބޯޑުގެ މެމްބަރުކަމަށް އާ މެމްބަރުންވެސް އިންތިހާބުކޮށްފައެވެ.
ކެއާ ސޮސައިޓީގެ ބޯޑަށް އިންތިހާބުވި މެންބަރުން
ޗެއާޕާސަން: ޠާހާ ސަލީމް
އެގްޒެކެޓިވް މެމްބަރުން:
- އައިމިނަތު ސަލީމް
- ފާތިމަތު ޝިފާ
- އައިމިނަތު ހައިފާ ނައީމް
- އާސިމް އަބްދުއް ސައްތާރު