ހައިކޯޓަށް އަލަށް އައްޔަނުކުރެއްވި ފަނޑިޔާރު ހަސަން އަލީ، ފަނޑިޔާރު ކަމުގެ ހުވާކުރައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހަސަން އަލީއަށް ހުވާ ލައިދެއްވީ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއެވެ. އަދި ފަތްކޮޅު ދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ހަސަން އަލީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކުރުމަށް ނިންމާފައިވަނީ ޖޭއެސްސީގެ މެންބަރުންގެ އިއްތިފާގުން ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމު މީގެ ކުރިން އަދާކުރެއްވި ހަސަން އަލީ މިދިޔަ އަހަރު ވަނީ އެ މަގާމުން ވަކިކޮށް އާސަންދަ ކޮމްޕެނީގެ އެމްޑީގެ މަގާމަށް އައްޔަން ކޮށްފައެވެ.

ރަޖިސްޓްރާ ކަމަށް އައްޔަން ކުރުމުގެ ކުރިން ހަސަން އަލީ ވަނީ އިމިގްރޭޝަން ކޮންޓްރޯލަރު ކަމާއި ހައުސިން މިނިސްޓަރުގެ ނައިބުގެ މަގާމު ވެސް އަދާ ކުރައްވައިފައެވެ.

ހަސަން އަލީ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވި އިރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި އިތުރު ދެ މަގާމް އަދި ވެސް އޮތީ ހުސްކޮށެވެ.