މިނިވަން ޗެމްޕިއަންޝިޕް ހދ. އަތޮޅު ބުރުގެ ފައިނަލުގައި ފަހަތުން އަރައި ނޮޅިވަރަންފަރު ބަލިކޮށް، ހަނިމާދޫން ޗެމްޕިއަންކަން ހޯދައިފިއެވެ.

އަމިއްލަ ރަށުގައި މިއަދު ހަވީރު ކުޅުނު ހދ. އަތޮޅު ބުރުގެ ފައިނަލް މެޗުގައި ނޮޅިވަރަންފަރު އަތުން ހަނިމާދޫ މޮޅުވެފައިވަނީ 3-2ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި ނޮޅިވަރަންފަރުން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި ނޮޅިވަރަންފަރަށް މުހައްމަދު ރިޔާޒު ލީޑު ހޯދައިދިން އިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ ހުސައިން ނިޝާހުއެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓުތެރޭ ހަނިމާދުއަށް އުންމީދެއް އާކޮށްދިނީ އަލީ އާމިރެވެ. މެޗުގެ 59 ވަނަ މިނެޓުގައި ހަނިމާދުއަށް މުހައްމަދު އަބްދުލްގަފޫރު ނަތީޖާ ހަމަހަމަކޮށްދިން އިރު، މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް އެޓީމަށް ލީޑު ހޯދައިދިނީ އާލިފް އިބްރާހީމެވެ. އެ މެޗުގައި ނޮޅިވަރަންފަރުގެ މުހައްމަދު އަހުސަންއަށް ރަތް ކާޑެއްވެސް ދައްކާފައިވެއެވެ.

ހަނިމާދޫ ދެން ވާދަކުރަން ޖެހޭނީ ޒޯން އެކެއްގައެވެ. އެ ޒޯނުގައި ހަނިމާދޫގެ އިތުރުން ހިމެނެނީ ހއ. އަތޮޅުގެ ޗެމްޕިއަން މުރައިދޫއެވެ. ޒޯން ބުރުގެ މެޗުތައް ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށްފަހު ޗެމްޕިއަންކަން ލިބޭނީ އެންމެ ކުރީގައި އޮންނަ ޓީމަކަށެވެ. ޒޯން ބުރުގެ ޗެމްޕިއަނުންނަށް ފައިނަލް ބުރުގެ ޖާގައެއް ކަށަވަރުވާނެއެވެ.