ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމާއި ނައިބު ރައީސް މުހައްމަދު ހާޝިމާއި އިތުރު ދެ ކައުންސިލަރަކު ސަސްޕެންޑުކޮށްފިއެވެ.

ދެން ސަސްޕެންޑުކުރީ ދިއްދޫ ކައުންސިލް މެމްބަރު އަހުމަދު ފިރާގާއި ޒުހުރާއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ދިއްދޫ ކައުންސިލްގެ ހިންގުން ކައުންސިލް މެމްބަރު މޫސާ ލަތީފާ ހަވާލުކޮށްފައެވެ.

ދިއްދޫ ކައުންސިލްގެ މެންބަރު މޫސާ ލަތީފަށް އެޑްރެސްކޮށް އެލްޖީއޭ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ ގާނޫނު ނަންބަރު 7/2010 (ލާމަރުކަޒީ ގާނޫނު) އިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ބޭރުން ދިއްދޫ ކައުންސިލުން ނޫސް ބަޔާނެއް ނެރެފައިވާ ކަމަށެވެ.

އެހެންކަމުން ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ނ) އާ މިއަމަލު ހިލާފުވެފައިވާތީ، އެ ނޫސްބަޔާން ފާސްކުރުުމަށް ސޮއިކޮށްފައިވާ ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމާއި ނައިބު ރައީސް މުހައްމަދު ހާޝިމާއި ކައުންސިލް މެމްބަރު އަހުމަދު ފިރާގާއި ޒުހުރާ މިއަދުން ފެށިގެން އެއް މަސްދުވަހަށް މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ސަސްޕެންޝަންގެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ހޯދަން ނޫންގޮތަކަށް އިދާރާއަށް ހާޒިރުވުމާއި، ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުމަކީ މަނާކަމެއް ކަމަށްވެސް އެލްޖީއޭގެ ސިޓީގައި ވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭ އާއި، ހއ އަތޮޅު ކައުންސިލް އަދި ދިއްދޫ ކައުންސިލަށް ލަފާދޭ ކޮމެޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމުގެ ކަންތައް ކުރިއަށް ގެންދާނީ ކައުންސިލަރު މޫސާ ލަތީފް ކަމަށެވެ.

މީގެ އިތުރުން މި ދަރަޖައިގެ ކުށެއް ކޮށްފިނަމަ ދިއްދޫ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އައްޑޫ ސިޓީ ކައުންސިލަށް ދޭ ކަމަށްވެސް ސިޓީގައި ވެއެވެ.