ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެއިސްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި އެ ގާނޫނުތައް ހެދޭނީ ގާނޫނު އަސާސީއަށް ބަދަލު ގެނެއިސްގެން ކަމަށް ގާނޫނީ ވަކީލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ރިއްފަތު އެހެން ވިދާޅުވެފައިވަނީ މިއަދު ސުޕްރީމް ކޯޓުގައި ކުރިއައް ގެންދިޔަ އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނު ބާތިލް ކޮށްދިނުމަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގައެވެ.

ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އާއި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް، ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ މިއަދުގެ ދެ އަޑުއެހުން ބާއްވާފައި ވަނީ ވަކިވަކިންނެވެ.

ސްޕްރީމް ކޯޓު: ދުސްތޫރީ ދެ މައްސަލައިގެ އަޑުއެހުން ބާއްވާފައިވަނީ ވަކިވަކިން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ދެ ގާނޫނު ބާތިލްކޮށްދިނުމަށް ހުށަހަޅާ މައިގަނޑު ސަބަބެއްގެ ގޮތުގައި ރިއްފަތު ފާހަގަކުރައްވާފައި ވަނީ ގާނޫނުއަސާސީއާ ތައާރުޒުވުމެވެ. އެގޮތުން ޕާޓީ ބަދަލު ކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ބިލަކީ ވެސް ގާނޫނުއަސާސީއާ ހިލާފަށް ފާސްކޮށްފައިވާ ގާނޫނެއް ކަމަށް ރިއްފަތު ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ރިއްފަތު ފާހަގަކުރެއްވީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށާއި އެހެން ކަމުން އިތުރު ގާނޫނެއް ހެދުމަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުން ކަމަށެވެ.

ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެސްފައިވާއިރު ރިއްފަތު ވިދާޅުވީ، ފަނޑިޔާރުން ވަކިކުރެވޭނެ ގޮތްތަށް ވެސް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ލިޔެފައި ވާނެ ކަމަށެވެ.

އަދި އެ ގާނޫނުތައް ވަކިވަކިން ހެދުމަކީ ގާނޫނުއަސާސީއާ ތައާރުޒުވާ ކަމެއް ކަމަށާއި އޭގެ ބަދަލުގައި ޖެހޭނީ ގާނުނުއަސާސީއަށް ބަދަލު ގެންނަން ކަމަށް ރިއްފަތު ފާހަގަކުރެއްވިއެވެ.

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ދެ މައްސަލައަށް ޖަވާބުދާރީ ވުމަށް ދެ ދުވަހުގެ މުހުލަތެއް ދެއްވުމަށް ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލް އޮފީހުގެ ވަކީލު ވަނީ އެދިވަޑައިގެންފައެވެ.

ދެ މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދަވަހު ކަމަށް އޭޖީގެ ވަކީލު ވިދާޅުވުމުން ފަނޑިޔާވަނީ އެ މައްސަލާގައި ޖަވާބުދާރީ ވުމަށް ދެ ދުވަސް ދައުލަތަށް ދެއްވާފައެވެ. އެހެންކަމުން އެ މައްސަލަތުގެ އަޑުއެހުމެއް ދެން އޮންނާނެ ކަމަށް ބެލެވެނީ އަންނަ އަންގާރަ ދުވަހުއެވެ.