25 Aug 2011, 12:24
ވަގަށް ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެ އެތެރެ ކުރި މައްސަލައިގައި ހައްޔަރު ކުރި 17 މީހުންގެ ތެރެއިން ބައެއް ދިވެހިން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހުން ދޫކޮށްލީ ތަހުގީގު ނިމުމުން ބަންދުގައި އެމީހުން އިތުރަށް ބައިތިއްބާނެ ތަނެއް ނެތް ކަމަށް ކޯޓުން ބުނެފައިވާތީ ކަމަށެވެ. ދޫކޮށްލީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ.
އެކި މީސްމީހުންގެ ނަން ނަމުގައި އިންވެސްޓްމެންޓްތައް ހަދައިގެން ވަގަށް ބިދޭސީން އެތެރެ ކުރަމުން ދިޔަ މައްސަލައިގެ ތުހުމަތުގައި މީގެ ދެ މަސް ކުރިން ހައްޔަރު ކޮށްފައިވަނީ ފަސް ދިވެއްސަކާ 12 ބިދޭސީ އެކެވެ.
ދައުލަތުން އަންގައިގެން މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ފުލުހުން ފެށި ބިދޭސީންނާ ގުޅޭ އޮޕަރޭޝަނާ ބެހޭ ގޮތުން ފުލުހުން ބުނެފައި ވަނީ ހައްޔަރު ކުރި އެންމެންނަކީ ވެސް މި އޮޕަރޭޝަނުގައި ފުލުހުން ބަލައި ފާސްކުރި 18 ކުންފުންޏެއްގެ ތެރެއިން ގަވައިދާ ހިލާފަށް ބިދޭސީން އެތެރެކޮށްފައިވާ ހަތް ތަނަކާ ގުޅުން ހުރި ބައެއް ކަމަށެވެ.
މީގެ އިތުރުން އެ ހަތް ކުންފުނިން ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ 4000 އަށް ވުރެ ބިދޭސީންގެ ޕާސްޕޯޓް ފުލުހުން އަތުލައިގެންފައިވާ އިރު އޭގެ ތެރެއިން 3000 އަށް ވުރެ ގިނަ ޕާސްޕޯޓް ހޯދާފައި ވަނީ އޯޒޯން އިންވެސްޓްމަންޓާއި އެރިސްކޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ދެ ކުންފުންޏަކުން ކަމަށް ފުލުހުން ބުންޏެވެ. މި ދެތަނުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުގެ މެދުގައި ގުޅުން އޮންނަ ކަމުގެ ހެކިތައް ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.
އެ ހަތް ތަނުން ސައްހަ ނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން ރަޖިސްޓްރީކޮށްފައިވާ ގާތްގަނޑަކަށް 70 ލޯކަލް އިންވެސްޓްމަންޓް ފާހަގަކޮށްފައި ވާއިރު އެފަދަ ގިނަ ކުންފުނިތަކުގެ އޮފީސްތައް ނުހުންނަކަން ފުލުހުން ވަނީ ފާހަގަ ކޮށްފަ އެވެ.
މާލީ ފައިދާ ހޯދުމަށް ގަވާއިދާޚިލާފަށް އެތެރެކުރާ ކޮންމެ ބިދޭސީއެއްގެ އަތުން 2000 ޑޮލަރު އެފަރާތްތަކަށް ލިބޭ ކަމަށް ފުލުހުން ބުންޏެވެ.