25 Aug 2011, 12:16
މަޖިލީހުގެ މެންބަރުންނާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ބައެއް މެންބަރުންގެ މާލީ ބަޔާން ހޯދުމަށްޓަކައި ކޯޓު އަމުރެއްގެ ދަށުން އޭސީސީން މަޖިލީހަށް ވަދެއްޖެ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވެސް ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ "އިއްޔެ މަޖިލީހުގެ ކޮމެޓީގައި ދެންނެވި ފަދައިން )ތަހުގީގަށް ބޭނުންވާ( މައުލޫމާތުތަށް ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން އެކަން ކުރާނެ ކަމަށް ދަންނަވާފައި ވާނެ ކަމަށާއި އެ ދެންނެވުމާ އެއްގޮތަށް މިއަދު އެކަން ކުރަން ފަށާފައިވާ" ކަމަށެވެ.
މަޖިލީހުގެ އޮފިޝަލަކު ވެސް ވިދާޅުވީ ކުރިމިނަލް ކޮޓުން ރޭގެ ވަގުތެއްގައި ނެރެފައިވާ އަމުރަކާ ގުޅިގެން އޭސީސީގެ ވަފުދެއް މިއަދު ހެނދުނުން ފެށިގެން މަޖިލީހުގެ ލިޔެ ކިޔުންތައް ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.
އެ ކޮމިޝަނުން މަޖިލީހުގެ ތެރެއަށް ވަތް އިރު އޭސީސިން މީގެ ކުރިން ވަނީ މެންބަރުންގެ މާލީ ބަޔާންތައް ހޯދުމަށް މަޖިލީހުގައި އެދިފަ އެވެ. މަޖިލީހުން ނިންމާފައިވަނީ ޝަރީއަތުގެ މަރުހަލާއިން ނޫން ގޮތަކަށް އެއްވެސް މެންބަރެއްގެ މާލީ ބަޔާން އާންމު ނުކުރުމަށެވެ. މަޖިލީހުގެ ފުލޯގައިވެސް އެ މައްސަލައިގާ ވާހަކަދެއްކެވި ގިނަ މެންބަރުންވެސް ވަނީ މާލީ ބަޔާން އާންމު ކުރެއްވުމާ މެދު ދެކޮޅު ހައްދަވާފަ އެވެ.
މަދަނީ ބައެއް ޖަމްއިއްޔާތަކުންވެސް ވަނީ މެންބަރުންގެ މާލީ ބަޔާން އާންމުކުރުމަށް ގޮވާލާފަ އެވެ.