ނެސިއަނަލްގެ އުރުގުއޭ ޑިފެންޑަރު ސަބެސްޓިއަން ކޯޓޭސްއަށް ލިވަޕޫލްއިން ހުށަހެޅުމަށް ލިބިފައިވާކަމަށާއި އެކުލަބަށް ބަދަލުވާނެކަމަށް އުންމީދުކުރާކަމަށް ނެސިއަނަލްގެ ނައިބު ރައީސް ހެކްޓާ އޮލްމޭސް ބުނެފިއެވެ.

ގިނަ ކުލަބުތަކަކުން ހުށަހެޅުންތައް ލިބިފައިވާކަމަށާއި މިހަފްތާ ނިމުމުގެ ކުރިން ގޮތެއްނިންމާނެކަމަށް ކޯޓޭސް މިދިޔަ އަންގާރަދުވަހު ބުނެފައި ވެއެވެ. ނިމިގެންދިޔަ ކޮޕާ އެމެރިކާގެ ޗެމްޕިއަން އުރުގުއޭ އަށް މޮޅު ކުޅުމެއް ދެއްކައި ވިދާލި ކޯޓޭސް ހޯދުމަށް ލިވަޕޫލްގެ އިތުރުން މެންސިޓީއާއި ޝާޚްތަރު ޑޮނެސްކްވެސް މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އަށް މިލިޔަން ޕައުންޑަށް ލިވަޕޫލްއިން ހޯދާނެކަމަށް ބެލެވޭ ކޯޓޭސްއަށް އެކުލަބުން ހުށަހެޅުން ލިބިފައިވާކަން ނެސިއަނަލްގެ ނައިބު ރައީސް އޮލްމޭސް ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓްތައް ބުނަމުންދާގޮތުގައި ކޯޓޭސްގެ އެޖެންޓް އަދި ބައްޕަ ޕީޓާ މިހާރު ހުރީ ލިވަޕޫލާއި އެކު އެއްބަސްވުން ކުރިއަށް ގެންދިއުމަށް އިނގިރޭސި ވިލާތުގައި ކަމަށެވެ.

"ލިވަޕޫލްއިން ކޯޓޭސްއަށް ވަރަށް ރަނގަޅު އަގެއް ކިޔާފައިވޭ. އެކުލަބާއި ގުޅޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރެވޭ." ނެސިއަނަލްގެ ނައިބު ރައީސް އޮލްމޭސް ބުންޏެވެ.

ލިވަޕޫލް ސްކޮޑްގައި ހިމެނޭ އުރުގުއޭ ތަރި ލުއިސް ސުއަރޭޒްއާއި ވާހަކަ ދެކެވިފައިވާ ކަމަށާއި އޭނާ ހުރުމުން އިތުރު ޝައުގުވެރިކަމެއް އުފެދިފައިވާކަމަށް ކޯޓޭސް ބުނެފައިވެއެވެ. "ލިވަޕޫލާއި ކާމިޔާބީ ތާރީހެއް އޮތް ކުލަބެއް. ސުއަރޭޒް އަހަރެންނަށް ބޮޑު އެހީތެރިކަމެއް ވާނެކަން ޔަގީން. އަހަރެން ވަރަށް ރަނގަޅަށް ސުއަރޭޒް ދަންނަން. ލިވަޕޫލާއި ގުޅުން މިއީ ނިމިފައިވާ ކަމެއްކަމަށް ބަލާ." ކޯޓޭސް ބުންޏެވެ.