18 Mar 2018, 10:59
"ރޯޑް ޓު ބާސެލޯނާ"ގެ ނަމުގައި މައިލޯއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިން، އިއްޔެ ރާއްޖޭގައިވެސް އިފްތިތާހުކޮށްފިއެވެ.
ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ބޭއްވި "ރޯޑު ޓު ބާސެލޯނާ" އިވެންޓުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވެފައިވާއިރު، މައިލޯއާއި ރާއްޖޭގެ ފުޓުބޯޅަ އިދާރާ، އެފްއޭއެމްއާއެކުވަނީ ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އިއްޔެގެ އިވެންޓުގައި އެފްއޭއެމްގެ އިސްވެރިންނާއި މައިލޯގެ އިސްވެރިންވެސްވަނީ ބައިވެރިވެފައި --- ފޮޓޯ/ އެފްއޭއެމް
އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްޣަނީ (ސާންތި) "ސަން ސްޕޯޓްސް"އަށް ވިދާޅުވީ މައިލޯއާ ގުޅިގެން ހިންގާ ކެމްޕެއިންގެ ދަށުން ރާއްޖޭއަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށާއި މިއީ ހަމައެކަނި މާލެއަށް އަމާޒުކުރާ ކެމްޕެއިނެއް ނޫން ކަމަށެވެ.
"އިއްޔެ ކެމްޕައިން އިފްތިތާހުކުރުމުގެ ތެރެއިންވެސް ފެނިގެންދިޔައީ ގިނަ އަދަދެއްގެ ކުދިން ވަރަށް މަޖާ މާހައުލެއްގައި ކުޅެލިތަން. ވަރަށް ބޮޑެތި ފުރުސަތުތަކެއް އަޅުގަނޑުމެން ފަހިކޮށްދެމުން މި ގެންދަނީ. މަސައްކަތް މި ކުރަނީ ކުރީ އަހަރަށްވުރެ ގިނަ ފުރުސަތުތަކެއް މިއަހަރު ފަހިކޮށްދިނުމަށް. މިހާރުވެސް މައިލޯގެ ސްޕޮންސާޝިޕްގެ ދަށުން ކުރިއަށް ގެންދާ އިންޓަ ސްކޫލް މުބާރާތްތަކުގައިވެސް ކޮންމެވެސް ކަހަލަ ކުރިއެރުމެއް، ތަފާތެއް ފެންނާނެ. ވަރަށް ގިނަ ބަޔަކު ބުނޭ މާލެއަށް އެކަންޏޭ ފުރުސަތުތައް އަމާޒުކުރަނީ. އެހެނެއް ނޫން. މި ކެމްޕެއިންގެ ދަށުން އަތޮޅު ތެރޭގައިވެސް ކުރިއަށްދާނެ ވަރަށް ގިނަ ކަންތައްތަކެއް،" ސާންތި ވިދާޅުވިއެވެ.

މައިލޯ ރޯޑް ޓު ބާސެލޯނާ ރާއްޖޭގައި އިފްތިތާހް ކުރުމުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް
މައިލޯ ރޯޑް ޓު ބާސެލޯނާ ކެމްޕެއިންގެ ދަށުން ރާއްޖޭގެ ހަތަރު ކުއްޖަކާއި ދެ އޮފިޝަލަކަށް ބާސެލޯނާގެ މަޝްހޫރު އެސްކޯލާ އެކަޑެމީގައި ތަމްރީނު ހޯދުމަށް ފުރުސަތު ލިބިގެންދާއިރު ސާންތި ފާހަގަކުރެއްވީ ފޮނުވާނެ ކުޅުންތެރިން ނެގުމުގައި ވަރަށް ގިނަ ކަންތައްތަކަކަށް ބެލޭނެ ކަމަށެވެ.
"އެފްއޭއެމުން ނިންމާނީ ތަމްރީނުތަކަށް ދާ ކުޅުންތެރިން. ވަރަށް ގިނަ ކަންތައްތަކަކަށް ބަލައިފައި ނިންމާނީ. ހަމައެކަނި މާލެއަކުންވެސް ނޫން ބަލާނީ. ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި މި ކެމްޕެއިން އަދި ކުރިއަށް ގެންދެވޭނެ. ޓެކްނިކަލް ގޮތަކަށް ބަލައި. ޓެސްޓުތަކެއްވެސް ފުރިހަމަކޮށް ވަރަށް ގިނަ ކަންކަމަށް ބަލާފައި ނިންމާނީ ގެންދާނެ ކުޅުންތެރިން. އެއީ އެފްއޭއެމްއިން އެބަ ބޭނުންވޭ މި ދާ ކުޅުންތެރިންނަކީ އަބަދުވެސް ފުޓުބޯޅައިގައި އުޅޭ ކުޅުންތެރިންނަށް ހަދަން. ރޯދައިގެން ފަހުން ކުދިން ހޯދުމަށް ޓެކްނިކަލް މަސައްކަތްތައް ފަށާނީ. ހަމަ ހުރިހާ ކުޅުންތެރިންނަށްވެސް ފުރުސަތު އެބައޮތް،" ސާންތި ފާހަގަކުރެއްވިއެވެ.
އިއްޔެގެ ހަފްލާގައި ނެސްލޭ މައިލޯ ލަންކާގެ ސީނިއާ ބްރޭންޑް މެނޭޖަރު މުހައްމަދު އަލީގެ އިތުރުން ރާއްޖޭގައި ހުންނަވާ މައިލޯގެ ބިޒްނަސް ޑެވަލޮޕްމަންޓް މެނޭޖަރު ދިޝާން ވިޖެޔަވަރުދަނާވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވައިފައެވެ.
މައިލޯ "ރޯޑް ޓު ބާސެލޯނާ" ކެމްޕެއިންގައި ބައިވެރިވުމަށް ހުޅުވާލައިފައިވަނީ އުމުރުން ހަތް އަހަރާއި 12 އަހަރުގެ ކުދިންނަށެވެ. ބައިވެރުވުމަށް މައިލޯގެ ޕްރޮޑަކްޓްސް ބައްލަވާ ގަންނަވާއިރު ލިބޭ ކޫޕަންގެ ނަންބަރު އެސްއެމްއެސް ކުރަން ޖެހެނީ 4411 އަށެވެ.

މައިލޯ ރޯޑް ޓު ބާސެލޯނާ ރާއްޖޭގައި އިފްތިތާހް ކުރުމުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް
މައިލޯއަކީ ސްޕެއިންގެ ވަރުގަދަ ކްލަބު، ބާސެލޯނާގެ ގްލޯބަލް ސްޕޮންސަރެވެ. މައިލޯއާއި ބާސެލޯނާއާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައ ކެމްޕެއިންތައް ހިންގަމުން ދެއެވެ. ކެމްޕެއިންގެ އެހީގައި ބާސެލޯނާގެ އެސްކޯލާ އެކަޑެމީއިން ތަމްރީނު ހޯދަން ފުރުސަތު ލިބޭއިރު، ބާސެލޯނާގެ އެކަޑެމީއަކީ ދުނިޔޭގައި ގިނަ ތަރިންތަކެއް އުފައްދަމުންދާ އެކަޑެމީއެކެވެ.