18 Mar 2018, 11:49
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަސް ވީ ރާއްޖެއަށް ސިޔާސީ ގޮތުން އައި ބޮޑު ކޮޅިގަނޑަކަށެވެ. ކޮޅިގަނޑު އިތުރަށް ގަދަވީ ކުއްލި ހާލަތު އިއުލާނުކުރުމާއެކު އެވެ. ކޮންމެ ރެއަކު މާލޭގެ ކާރުބާރު ބޮޑު މަޖީދީމަގު ހަލަބޮލިވެ އެވެ. ނޭދެވޭ އަސަރު ކުރީ ރާއްޖޭގެ އިގްތިސާދަށެވެ.
އާޓިފިޝަލް ބީޗާ ދިމާލުން ފަށާ މުޒާހަރާތައް ދެން ބައިބައިވެގެން ފެންނަނީ މަޖީދީމަގުގެ އެކި ސަރަހައްދުތަކަށް ބެހޭ ތަނެވެ. އެކަން ވެގެން ދިޔައީ އެ ސަރަހައްދުތަކުގެ ފިހާރަތަކާއި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ދައްޗަކަށެވެ.
"ޝޮޕިންގްއަށް ވެސް މިހާރު މިހިސާބަށް އާދެވޭ ވަރެއް ނޫން. ފެންނާނީ ޕެޕާ ސްޕްރޭ ޖަހާތަން. މުޒާހަރާގެ ބައިވެރިން ފައްސާލާއިރު އަހަރެމެން ވެސް ފައްސާ ފޮނުވާލަނީ،" ފިހާރައަކަށް ވަންނަން ދިޔަ އާންމު މީހަކު ބުންޏެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއެއްގައި ހުއްޓުވަން ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު
މަޖީދީމަގަކީ މާލޭގެ ވިޔަފާރިތައް އެންމެ ހިނގާ ސަރަހައްދެވެ. ރައްޓެހިންނާއި ލޯބިވެރިންނާއި ދެމަފިރިންނާއި އާއިލާ ވެސް އެކުގައި މަޖީދީމަގުގައި ހުންނަ ފިހާރަތަކަށްވަދެ ބާޒާރުކުރެ އެވެ. ރޭގަނޑު 8:00ގެ ފަހުން މަޖީދީމަގުގެ ފިހާރަތަކުން މީހުން ތޮއްޖެހެ އެވެ. ހާއްސަކޮށް ބަންދު ދުވަސްތަކުގައި މަޖީދީމަގުގެ ފިހާރަތައް ވަރަށް ބާރުބޮޑެވެ.
"މި މުޒާހަރާތައް ފެށުމުގެ ކުރިން ވިޔަފާރި ރަނގަޅު. އެކަމަކު މިހާރު މިތަނަށް ވަދެލާނެ މީހުން ވެސް ވަރަށް މަދުވެއްޖެ. އަހަރެމެންގެ ވިޔަފާރިތައް ވެސް ދަށަށް ދިޔައީ. މި އެއްވުންތައް ބާއްވާ އިރު ހުރިހާ ގެއްލުމެއް އަހަރެމެންނަށް،" މަޖީދީމަގުގެ ވިޔަފާރިއެއް ހިންގާ މީހަކު، ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.
އިދިކޮޅު ފަރާތްތަކުން މަޖީދީ މަގުގެ އެކި ސަރަހައްދުތަކަށް އެއްވެ މުޒާހަރާ ކޮށްފައިވާއިރު ފުލުހުން ވަނީ އެއްވުން ދޫކޮށް ދިއުމަށް އަންގާފައި، އަދި ޣައިރު ގާނޫނީ އެއްވުމެއް ކަމަށް ވެސް އަންގާފައިވޭ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް
މުޒާހަރާކުރާ ފަރާތްތަކުގެ ސަބަބުން އާންމުގެ ވިޔަފާރިތައް ދަށްވާ އިރު، އަޑުގަދަ ކުރުމުގެ ސަބަބުން އެހިސާބުގެ ރެސްޓޯރަންޓްތަކަށް އަރާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މަގުތަކަށް ނުކުމެ އިހުތިޖާޖުކުރާ މަދު ބައެއްގެ ސަބަބުން އެހެން ބަޔަކަށް މިދަނީ މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ގެއްލުން ލިބެމުންނެވެ.
"މިހާރު ރޭގަނޑު ފިހާރަ ހުޅުވުމުގެ ބޭނުމެއް ނެތް. މި މުޅި ހިސާބުގެ މަގުތައް މި އޮންނަނީ ބަންދުކޮށްފައި. މީހުންނެއް ވެސް ބޭނުމެއްނުވޭ ސައިކަލު ދުރުގައި ބަހައްޓާފައި ހިންގާފައި މީހުންގަނޑުގެ ތެރެއިން ފިހާރައަށް އަންނާކަށް ވެސް. އެހެންވީމަ އަސްލު ހަގީގަތުގައި އަހަރުމެންނަށް ލިބެމުންދާ ވަރަށް ބޮޑު ގެއްލުމެއް މިއީ،" ރަށްދެބައިމަގުގައި ހުރި ފިހާރައަކުން މީހަކު ވާހަކަ ދައްކަމުން ބުންޏެވެ.
ރައްޔިތުންގެ ތެރެއިން ވަކި ބައެއް ކުރާ ކަމެއްގެ ސަބަބުން އެހެން ބަޔަކަށް ގެއްލުން ވަމުންދާ އިރު، އެ ގެއްލުމުގެ ޒިންމާ ނަގާނީ ކާކުތޯއެވެ؟