25 Aug 2011, 12:05
ޕްރެމިއާ ލީގަށް އަލަށް ކޮލިފައިވި ކިޔުޕީއާރާއި އެކު ވާހަކަތަކުގައި ބައިވެރިވުމުގެ ހުއްދަ ނިއުކާސަލްއިން އެކުލަބުގެ މިޑްފީލްޑަރު ޖޯއީ ބާޓަންއަށް ދީފިއެވެ.
"ކިޔުޕީއާރާއެކު ވާހަކަ ދެއްކުމުގެ ހުއްދަ ނިއުކާސަލްއިން ވާނީ ޖޯއީ ބާޓަން އަށް ދީފައި." ނިއުކާސަލް ރަސްމީ ވެބްސައިޓުގައި ބުނެފައި ވެއެވެ.
އުމުރުން 28 އަހަރުގެ މިޑްފީލްޑަރު ބާޓަންވަނީ ދާދި ފަހުން ނިއުކާސަލްގެ ތަރިން ނުހިފެހެއްޓޭކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޕްރެމިއާ ލީގުގައި ކިޔުޕީއާރުގެ ސްކޮޑު ވަރުގަދަކުރުމަށް ޓީމަށް މިޑްފީލްޑަރުން ބޭނުންވާކަމަށް ބުނެ ވެސްޓް ހާމްގެ ސްކޮޓް ޕާކާއާއި މެންސިޓީގެ ޝޯން ރައިޓް ފިލިޕްސް ހޯދުމަށް އެކުލަބުގެ ކޯޗް ނީލް ވާނޮކްވަނީ ޝައުވެރިކަން ފާޅުކޮށްފައެވެ.
މެންޗެސްޓާ ސިޓީއަށް ކުޅުމަށްފަހު 5.8 މިލިޔަން ޕައުންޑަށް ބަދަލުވެ 81 މެޗު ކުޅެ ހަތް ގޯލު ކާމިޔާބުކޮށްދީފައިވެއެވެ. މެންޗެސްޓާ ސިޓީގެ ޒުވާން ޓީމުން ސީނިއާ ޓީމަށް ބަދަލުވި ބާޓަން ވަނީ ފުރަތަމަ ސީޒަންގައި ސީނިއާ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. މެންސިޓީއަށް ކުޅުނު 130 މެޗުން ބާޓަން ވަނީ 15 ގޯލު ކާމިޔާބުކޮށްދީފަ އެވެ.
މިދިޔަ ސީޒަނުގައި ނިއުކާސަލްއިން އެކުލަބުގެ ކުރީގެ ފޯވާޑް އެންޑީ ކެރޯލް ވިއްކާލާފައިވާއިރު މި ސީޒަނުގައި ވަނީ އެޓީމުގެ ފަހަތަށް ކުޅެމުންއައި ހޯސޭ އެންރީކޭވެސް ލިވަޕޫލަށް ވިއްކާލާފައެވެ. ފަހަކަށް އައިސް ނިއުކާސަލް ފާހަގަވެގެންދަނީ އެކުލަބުގައި ހުރި މޮޅެތި ކުޅުންތެރިން ވިއްކާ ޓީމެއްގެ ގޮތުގައެވެ.