އިސްލާމްދީނާ ޚިލާފު ލިޔުން ތަކެއް ފުވައްމުލަކު ސްކޫލްގެ ގްރޭޑް ހަތަރެއްގެ ކުދިންގެ ޓެސްޓް ޕޭޕަރުގައި ހުރެގެން އެ ޕޭޕަރުތައް ކެންސަލްކޮށްފި އެވެ.


ފުވައްމުލަކު ސުކޫލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެމައްސަލަ މިހާރު އެ ސްކޫލުން ބަލަމުންދާ ކަމަށާއި އަދި އެކަން ފުލުހުންނަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ މައްސަލައާ ބެހޭ ތަފްސީލް އަދި ދެވެން ނެތް ކަމަށް ވިދާޅުވެ އޮފިޝަލު ވިދާޅުވީ މާދަމާ އަލުން އެ ޓެސްޓް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އިންޑިއާ އަށް ނިސްބަތްވާ އެ ޓީޗަރު ދިން ޓެސްޓް ޕޭޕަރު އިތުރަށް ބަލަމުންދާތީ އޭގައި ހުރީ ކޮންކަހަލަ އެއްޗެއް ކަމެއް އޮފިޝަލު ވިދާޅެއްނުވެ އެވެ.


ފުވައްމުލަކު މީހަކު މިއަދު ބުނީ އެރަށު ސްކޫލްގެ ގްރޭޑް ހަތަރެއްގައި ކިޔަވާ ކުދިންގެ އިނގިރޭސި ޓެސްޓް ޕޭޕަރުގައި އިސްލާމީ އަގީދާ އާއި އިސްލާމީ ހަޟާރަތާ ޚިލާފު ލިޔުންތަކެއް ހުރި ކަމަށާއި އަދި ޞަލީބް ވެސް ކުރާހަފައި ހުރި ކަމަށެވެ. މީގެ އިތުރުން ވެސް ދީނާ ޚިލާފް ކަންތައް އެކުދިންނަށް އިނގިރޭސި ކިޔަވައިދޭންދާ ބޭރު ޓީޗަރު ކުރަމުންދާ ކަމަށް ދަރިވަރުން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.


މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ މައްސަލަ އެއް އަދި ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށެވެ.