18 Mar 2018, 11:21
ވޮޝިންޓަން (މާޗް 18): އެމެރިކާ ސަރުކާރުގެ މުއައްސަސާތަކާއި ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު އަރާރުންތަކާއި ކޯޅުންތަށް އާދަޔާ ޚިލާފަށް ބޮޑުވެގެން ދިއުމާއެކު ޓްރަމްޕް، ބަހުގެ ހޫނު ހަމަލާތަކެއް އެމެރިކާ ޚާރިޖީ ވުޒާރާއަށާއި ޖަސްޓިސް ޑިޕާޓްމަންޓަށާއި ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަށް އަމާޒުކުރައްވައިފިއެވެ.
ޓްރަމްޕް ވިދާޅުވީ އެ ތިން މުއައްސަސާއަކީ ދޮގާއި މަކަރުހެދުމާއި އޮޅުވާލުމާއި ކޮރަޕްޝަނުގެ ހާލިތަކެއް ކަމަށާ އަދި އަމިއްލަ އެދުމަށް ކަންކަންކުރުމާއި އެމެރިކާގެ ރިޔާސަތަށް އިހުތިރާމް ނުކުރުމުގެ ނުބައި ސަގާފަތެއް އެތަންތަނުގައި އުފެދިފައިވާ ކަމުގައެވެ.
ޓްރަމްޕްގެ ބަހުގެ މި ހަމަލާތަކުގެ ކުރިން އޭނާ ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރުކަމުން ރެކްސް ޓިލަސަން ދުރުކޮށް އެމަގާމަށް ސީއައިއޭގެ ވެރިޔާ މައިކް ޕޮމްޕިއޯ އިހުތިޔާރު ކުރައްވާފައެވެ. ޕޮމްޕިއޯއަކީ ޓްރަމްޕް ފަދަ ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ. އޭގެކުރިން ޓްރަމްޕް ވަނީ އެފްބީއައިގެ ވެރިއަކަށް ހުންނެވި ޖޭމްސް ކޯމީވެސް މަގާމުން ދުރުކުރައްވާފައެވެ.
ޓިލަސަން ޚާރިޖީ ވަޒީރުކަމުން ދުރުކުރެއްވުމުގެ ކުރިން އޭނާ ވަނީ ޓްރަމްޕަކީ ދުނިޔެއިން މޮޔަނުވެ ހުރި، ސިކުނޑި ހަމަނުޖެހޭ މޮޔައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެފްބީއައިގެ ވެރިކަމުން ދުރުކުރި ޖޭމްސް ކޯމީ އިއްޔެ ވަނީ ޓްރަމްޕްގެ ހަގީގަތް އެމެރިކާގެ ރައްޔިތުންނަށް އެނގެންޖެހޭ ކަމަށާއި އެކަން އެނގޭވަރުގެ މައުލޫމާތުތަކެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވިދާޅުވެ ޓްރަމްޕަށް އިންޒާރު ކުރައްވާފައެވެ. އެހިސާބުން ނުބައި މީހަކީ އަދި ރަނގަޅު މީހަކީ ކާކުކަން އިޚްތިޔާރުކުރުމުގެ ފުރުސަތު އެމެރިކާގެ ރައްޔިތުން ލިބިގެންދާނެކަމަށް ކޯމީ ވިދާޅުވިއެވެ.
ކޯމީ އެފްބީއައިގެ ވެރިޔާގެ މަގާމުގައި ހުންނަވަނިކޮށް ޓްރަމްޕް އޭނާ އެމަގާމުން ދުރުކުރެއްވީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަންކަމަށް ރަޝިޔާ ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުތަކަށް ޓްރަމްޕް އަޑިއަޑިން ނުފޫޒު ފޯރުވަން ކުރެއްވި މަސައްކަތްތަކާ ދެކޮޅު ހެއްދެވުމުންނެވެ. ކޯމީ މިހާރު ގެންދަވަނީ ޓްރަމްޕްގެ ހަގީގަތް އެމެރިކާގެ ރައްޔިތުންނަށް އެނގޭވަރުގެ މައުލޫމާތު ހިމެނޭ ފޮތެއް ތައްޔާރުކުރައްވަމުން ކަމަށާ އެފޮތް އަންނަމަހު ނެރުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަނެއްކޮޅުން އެފްބީއައިގެ ނައިބަކަށް ހުންނެވި އެންޑްރޫ މެކްކޭބް ވެސް މީގެ ދެދުވަސް ކުރިން ވަނީ މަގާމުން ދުރުކޮށްފައެވެ. މެކްކޭބް މަގާމުން ދުރުކުރީ ޖަސްޓިސް ޑިޕާޓްމަންޓްގެ އިންސްޕެކްޓަރ ޖެނެރަލްގެ އޭނާއާ ބެހޭގޮތުން އެކުލަވާލެއްވި ރިޕޯޓަކާ ގުޅިގެންކަމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް ވަނީ ވިދާޅުވެފައެވެ. މަގާމުން ދުރުކުރުމުން ޓްރަމްޕް ވަނީ އެކަމަށް މަރްހަބާ ވިދާޅުވެ މެކްކޭބްއަށް ފާޑުވިދާޅުވެފައެވެ.
މިއާއެކު މެކްކޭބް ވަނީ އެފްބީއައިގެ ތަހުގީގުތަކަށް ޓްރަމްޕް އަޑިއަޑިން ނުފޫޒު ފޯރުވަން ކުރެއްވި މަސައްކަތްތަކުގެ ތަހުގީގުތަކަށް ބޭނުންވާ ހެކި އޭނާގެ އަތުގައި އެބަހުރި ކަމަށާއި އެމައްސަލަ ތަހުގީގު ކުރައްވާ ޚާއްސަ މުހައްގިގު ރޮބަޓް މޯލަރއަށް އެތަކެތި ދެއްވާނެ ކަމަށް ވިދާޅުވެ ޓްރަމްޕަށް ބިރު ދައްކަވާފައެވެ. އެފްބީއައިގެ ތަހުގީގުތަކަށް ނުފޫޒު ފޯރުވުމަށް ޓްރަމްޕް ކުރެއްވި މަސައްކަތް ހާމަކޮށްދޭ ރެކޯޑިން (ޓްރަމްޕްގެ އަޑުފުޅުން) އޭނާގެ އަތްޕުޅުގައި އެބައޮތް ކަމަށް މެކްކޭބް ވިދާޅުވިއެވެ.
އަނެއްކޮޅުން އެމެރިކާގެ ރިޔާސީ މަރުކަޒު ވައިޓްހައުސްގެ ތެރޭގައިވެސް އޮތީ ހުސް ކޯޅުމާއި އަރާރުންތަކެވެ. ޓްރަމްޕްގެ އެއްއަހަރު ވީ ވެރިކަމުގައި ވައިޓްހައުސްގެ އިސް ބޭފުޅުންގެ ތެރެއިން 13 ބޭފުޅަކުވަނީ މަގާމު ދުކުރައްވަން ޖެހިވަޑައިގެންފައެވެ. އަދި އެމެރިކާގެ ޚާރިޖީ ވުޒާރާ މިހާރު މަސައްކަތް ކުރަމުން ގެންދަނީ ތަޖުރިބާކާރުންނާއި ޓެކްނޮކްރޭޓުންނާ ނުލައި އާދައިގެ މުވައްޒަފުންނާއި ސިޔާސީ ވެރިން ތިބެގެންކަމަށާއި، ތަޖްރިބާކާރުންނާއި ޓެކޮނޮކްރޭޓުންގެ މަގާމުތައް އޮތީ ހުހަަށް ކަމަށް އެމެރިކާގެ ނޫސްތައް ބުނެއެވެ.
އެފްބީއައިގެ ތަހުގީގުތަކަށް ނުފޫޒު ފޯރުވަން ޓްރަމްޕް މަސައްކަތް ކުރެއްވިކަން ސާބިތުވެއްޖެނަމަ ޓްރަމްޕަށް ބޮޑެތި މައްސަލަތަކެއް އެމެރިކާގެ އެތެރެއިން ކުރިމަތިވާނެއެވެ. ނަމަވެސް އެމެރިކާގެ ކޮންގްރެސްގެ ދެގޭގެވެސް އަޣުލަބިއްޔަތު އޮތީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކަމަށްވާތީ ޓްރަމްޕް މަގާމުން އަޒުލުކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
(އެމެރިކާގެ ނޫސްތައް)