18 Mar 2018, 10:26
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އެކްސްރޭއެއް ނެގުމަށް ރޭ މާލެ ގެނެސްފި އެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުން އައްޔަންކޮށްފައިވާ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ، ރޭ ގާތްގަނޑަކަށް 11:30 އެހާކަންހާ އިރު ފާރިސް މާލެ ގެނެސް އެކްސްރޭ ނަގާފައި ވަނީ އައިޖީއެމްއެޗުން ކަމަށެވެ.
ފާރިސްގެ ހުރިހާ ޑޮކްޓަރީ ކަންކަމެއް ދޫނިދޫގައި ކުރިއަށްދާއިރު، ފާރިސް ރޭ މާލެ ގެނެސް އެކްސްރޭއެއް ނަގާފައި ވަނީ ކޮނޑުހުޅުގެ ކަމަށް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ފާރިސް ރޭ އައިޖީއެމްއެޗަށް ގެނައި ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުންދާ އިރު، އެ ވީޑިއޯގައި ފާރިސްއާ އެކު މޫނު ނިވާކޮށްގެން ތިބި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެނެ އެވެ. އަދި ފާރިސްގެ ކަނާއަތުގައި ސަޕޯޓް ބެންޑޭޖެއް އަޅުވާފައި ހުއްޓެވެ.
އެކްސްރޭއެއް ނެގުމަށް ފާރިސް މާލެ ގެނެސްފައިވާ އިރު، ގަދަކަމުން އިއްޔެ ގޮޅިން ނެރެން އުޅުމުގެ ތެރޭގައި އޭނާއަށް އަނިޔާވެފައިވާ ކަމަށް އޭނާގެ ވަކީލު މައުމޫން ހަމީދު ވަނީ ރޭ ވިދާޅުވެފަ އެވެ.
އަދި އެ މައްސަލަ އެޗްއާރުސީއެމަށް ވަނީ ހުށަހަޅައިފަ އެވެ.
އެޗްއާރުސީއެމްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ހައްވާވަޖުދާގާސިމް މިއަދު ވިދާޅުވީ، އެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.