18 Mar 2018, 09:46
ޕޯޓް ލުއިސް (މާޗް 18): ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން މޮރިޝަސްގެ ރައީސާ އަމީނާ ގުރީބު މަގާމުން އިސްތިއުފާ ދެއްވައިފި ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ހޯމަ ދުވަހު އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ރައީސާ އަމީނާ އަންނަ ހުކުރު ދުވަހު އޮފީސް ދޫކުރައްވާ ވަޑައިގަންނަވާނެ ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ރައީސާ އަމީނާ އަދި ވަކި އެއްޗެކޭ ވިދާޅުނުވެ އެވެ.
އެފްރިކާގެ ގައުމެއްގެ ފުރަތަމަ ރައީސާ ކަމަށްވާ އަމީނާގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރެވޭ ލިޔުންތަކެއް އާއްމު ކުރީ އެގައުމުގެ "ލެކްސްޕްރެސް" ނޫހުން މިދިޔަ މަހުގައި އެވެ. އެނޫހުގައިވާ ގޮތުން އަމީނާ ވަނީ ޗެރިޓީއެއް ކަމަށްވާ ޕްލެނެޓް އާތް އިންސްޓިޓިއުޓް (ޕީއީއައި) އިން އެކަމަނާއަށް ދިން ކްރެޑިޓް ކާޑެއް ގަހަނާ އާއި އަންނައުނު ގަތުމަށް ބޭނުން ކުރައްވައިފަ އެވެ.
އަދި އެކާޑަކީ ޕީއީއައި ޕްރޮމޯޓު ކުރައްވާ އިރު ކުރައްވަން ޖެހޭ ދަތުރުތައް ފަދަ ކަންތައްތަކަށް ހަރަދު ކުރަން ދިން ކާޑެއް ކަމަށް ނޫހުގައިވެ އެވެ.
ނަމަވެސް ރައީސާގެ އޮފީހުން ބުނި ގޮތުގައި ޕީއީއައިގެ ކާޑު އަމީނާއަށް ބޭނުން ކުރެވުނީ އޮޅުމަކުންނެވެ. އަދި އެއީ އެކާޑު ދިން ބޭންކުގެ އެހެން ކްރެޑިޓް ކާޑެއްވެސް އެކަމަނާ ބޭނުން ކުރައްވާތީ ކަމަށާއި އޮޅުމަކުން ހޭދަ ކުރެވުނު ފައިސާ އަނބުރާ ދެއްވާފައިވާ ކަމަށް ރައީސާގެ އޮފީހުން ބުންޏެވެ.
މީގެ އިތުރުން ޕީއީއައިއިން ވެސް ވަނީ އަމީނާ އަނބުރާ ފައިސާ ދެއްވި ކަމަށް ބުނެފަ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އަމީނާ ގުރީބަކީ ބަޔޯޑައިވާސިޓީ ސައިންޓިސްޓެކެވެ. (ބީބީސީ)