18 Mar 2018, 09:40
ބޮލީވުޑްގެ ކުޅަދާނަ ބަތަލު ސަލްމާން ހާން އަކީ އަބަދު ވެސް ތަފާތު މަސައްކަތް ކުރުމަށް ލޯބިކުރާ ފަންނާނެކެވެ. އޭނާގެ ކެރިއަރުގައި ވަނީ އަމިއްލަ އަޑުން ދެ ލަވަ އެއް ކިޔައިފަ އެވެ.
އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ރޭސް 3"ގައި އަނެއްކާ ވެސް ސަލްމާން ވަނީ އޭނާގެ ހުނަރު ދައްކާލައިފަ އެވެ. އޭނާގެ އަމިއްލަ ލިރިކްސްއެއް ވަނީ ލިޔެފަ އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ބުނީ ސަލްމާން އަކީ "މަލްޓި ޓެލެންޓެޑް" މީހެއް ކަމަށާއި އޭނާ ކުރާ މަސައްކަތްތައް އަބަދު ވެސް ކަމުދާ ކަމަށެވެ. މި ފަހު ރޭސް 3 އަށް އޭނާ ލިޔުނު ލަވަ އާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އޭނާ ލަވަ ލިޔުނީ ވެސް އެ ލަވަ އޮންނަން ޖެހޭ ގޮތަށް ކަމަށް ރަމޭޝް ވަނީ ބުނެފަ އެވެ.
ރޭސް 3 އަކަށް ސަލްމާން އަމިއްލަ އަށް ލަވައެއް ލިޔުމާ އެކު މި ފަހަރު ވެގެންދާނީ ސަލްމާން ފުރަތަމަ ފަހަރަށް ފިލްމެއްގެ ލަވައެއްގެ ޅެން ހެދި ފަހަރަށެވެ.
ލަވައިގެ މިއުޒިކް ހަދާފައި ވަނީ ވިޝާލް މިޝްރާ އެވެ.
މަގްބޫލު ފިލްމު ރޭސް ފްރެންޗައިޒްގެ ތިން ވަނަ އިންސްޓޯލްމަންޓް 'ރޭސް 3' އަކީ ގިނަ އަދަދަކަށް އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމެކެވެ.
ސަލްމާން އާއި ޖެކަލީންގެ އިތުރުން ފިލްމުން ފެނިގެން ދާނީ ބޮބީ ޑިއޯލް އާއި ޑެއިޒީ ޝާހް، ފްރެޑީ ދާރޫވާލާ އަދި ސާގިބް ސަލީމެވެ.
ރޭސް 3 އަކީ ބޮލީވުޑްގެ ކާމިޔާބު ކޮރެއޮގްރަފާރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ޑައިރެކްޓު ކުރާ ފިލްމެކެވެ.