18 Mar 2018, 09:17
މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑްގެ ފުރަތަމަ ޝޯ ނިމި ރޭ ވަނީ ދެ ބައިވެރިއަކު ޝޯ އާ އަލްވަދާއު ކިޔައިފަ އެވެ.
ދެ ބައިވެރިން އައިޑަލްގެ ޕްލެޓް ފޯމުން އަލްވަދާއު ކިޔާފައިވާއިރު ރޭ ވަނީ އައިޑަލްގެ ގަދަ 10 އަށް ދަތުރު ކުރި ބައިވެރިން ކަށަވަރުވެފަ އެވެ.
ރޭގެ ޝޯ އާ އަލްވަދާއު ކިޔާފައި ވަނީ ޝާން ޝަރީފު އަދި މަރިޔަމް ސަލްވާ އެވެ.
މޯލްޑިވިއަން އައިޑަލްގެ ގަދަ 10 އެއް ކަށަވަރުވި ބައިވެރިންނަކީ އާމިނަތު ސައިނާ، ހަސަން ޝަހުދާން، އިބްރާހީމް ޝަމްވީލް، ތަލްސީމް އަބްދުލްކަރީމް، ރައިހާން އާދަމް، ނައުޝާދު އަބްދުއްލަތީފް، މަރިޔަމް މައިޝާ، އަބްދުﷲ މުރުޝިދު، އަބްދުﷲ މުނާޒް އަދި އައިޝަތު އަޒަލް އެވެ.
ގަދަ 10 އަށް ދަތުރު ކުރި ބައިވެރިންނަކީ ޖަޖުންގެ 50 ޕަސެންޓް މާކުސް އަދި ބެލުންތެރިންގެ 50 ޕަސެންޓް ވޯޓު އެއްކޮށްލުމާ އެކު، އެންމެ މަތިން މާކުސް ލިބުނު ބައިވެރިންނެވެ.
ރޭ ޝޯ ހާއްސަކޮށްފައި ވަނީ އެ ބައިވެރިއެއްގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ ލަވަތަކަށެވެ.
ރޭ ބޭއްވި އެލިމިނޭޝަން ޝޯގައި އަޑުއަހާލަން ފަސޭހަ ހިތްގައިމު ރީތި ލަވަތަކެއް އަޑުއިވިގެން ދިޔަ އެވެ.