18 Mar 2018, 09:28
ޗައިނާއިން ސަލްމާން ޚާންގެ ފިލްމު "ބަޖްރަންގީ ބާއިޖާން" އަށް ލިބެމުން އަންނަ ތަރުހީބު ކުޑަ ނުވުމުގެ ނަތީޖާއެއްގެ ގޮތުން، ޖުމްލަ އާމްދަނީގެ ގޮތުގައި އެ ފިލްމަށް 827 ކުރޯޑް ރުޕީޒް ލިބިއްޖެ އެވެ.
ޗައިނާ އިން އެ ފިލްމަށް މިހާތަނަށް 200 ކުރޯޑް ރުޕީޒް ލިބިފައި ވާއިރު، 'ބަޖްރަންގީ ބާއިޖާން' ވެގެން ގޮސްފައި މިވަނީ އިންޓަނޭޝަނަލް މާކެޓުގައި ފަސް ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.
އެ ފިލްމަށް ލިސްޓުން ޖާގަ ލިބެނީ އާމިރު ޚާންގެ ފިލްމު 'ދަންގަލް'، 'ބާހޫބަލީ'، އާމިރުގެ 'ސީކްރެޓް ސުޕަސްޓާ' އަދި 'ޕީކޭ' އަށް ފަހު އެވެ. އާމިރުގެ 'ދަންގަލް' އަދި 'ސީކްރެޓް ސުޕަސްޓާ' އަށް ވެސް ޗައިނާ އިން ބޮޑު ތަރުހީބެއް ލިބުނެވެ.
'ބަޖްރަންގީ ބާއިޖާން' އަކީ ޗައިނާގައި ރިލީޒް ކުރި ސަލްމާންގެ ފުރަތަމަ ފިލްމެވެ. ޗައިނާގެ 8000 ސްކްރީނެއްގައި ފިލްމު ރިލީޒް ކޮށްފައި ވާއިރު، 'ދަންގަލް' ރިލީޒް ކުރީ 6000 ސްކްރީންގަ އެވެ. އަދި 'ސީކްރެޓް ސުޕަސްޓާ' ރިލީޒް ކޮށްފައި ވަނީ 5000 ސްކްރީނުގަ އެވެ.
ސަލްމާން ޚާން ފިލްމްސް އަދި އެރޯސް އިންޓަނޭޝަނަލް އިން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި ސަލްމާން އާ އެކު މުހިންމު ރޯލުތަކުން ފެނިގެން ދިޔައީ ހަރްޝާލީ މަލޯތުރާ، ނަވާޒުއްދީން ސިއްދީގީ އަދި ކަރީނާ ކަޕޫރު ޚާން އެވެ. އިންޑިއާގައި އެ ފިލްމަށް 320.34 ކުރޯޑްގެ އާމްދަނީއެއް ލިބިގެން ދިޔަ އެވެ.
"ބަޖްރަންގީ ބާއިޖާން"ގެ އިތުރުން ސަލްމާން އަދި ކަބީރު ވަނީ "އެކް ތާ ޓައިގާ" އަދި "ޓިއުބްލައިޓް"ގައި ވެސް މަސައްކަތް ކޮށްފަ އެވެ. "އެކް ތާ ޓައިގާ" ކާމިޔާބު ފިލްމަކަށް ވެގެން ދިޔަ ނަމަވެސް، ބޮކްސް އޮފީހުގައި "ޓިއުބްލައިޓް" އަށް މާ އެދެވޭ ތަރުހީބެއް ނުލިބުނެވެ.